ރަޝިއާގައި މިއަދު އޮތް ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން އެގައުމުގެ ރައީސް ކަމުގެ އިތުރު ދައުރަކަށް މިހާރުގެ ރައީސް ވްލަޑިމިއާ ޕޫޓިން ހޮވިވަޑައިގެންފިއެވެ.

ފާހަގަ ކުރެވޭ އިދިކޮޅު ލީޑަރަކު ނެތި ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު ޕޫޓިން އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން ދާއިރު އަދި މިހާތަނަށް ގުނައި ނިމުނީ 21 އިންސައްތަ ވޯޓެވެ. މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޕޫޓިން ވަނީ ވޯޓްގެ 72 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ.

އަދި ގިނަ އަދަދެއްގެ ވޯޓް ފޮށިތަކުގެ ނަތީޖާ ނުލިބު ނަމަވެސް ޕޫޓިން އަށް ވުރެ ގިނަ ވޯޓް އެހެން ކެންޑިޑޭޓަކު ހޯދުމުގެ ފުރުސަތެއް މިހާރު ނެތެވެ.

ޕޫޓިން ހަވަނަ ދައުރަކަށް ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވިއިރު މިހާރު ވެސް އޭނާ އަކީ ސޯވިއެޓް ޔޫނިއަންގެ ހުދުމުހުތާރު ރައީސް ޖޯސެފް ސްޓާލިން އަށް ފަހު ރަޝިއާގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ.

މިއަދު ރަޝިއާގެ ރިޔާސީ އިންތިޚާބު ބޭއްވިއިރު އިންތިޚާބުގައި ވާދަކުރައްވާނެ ކަން ކުރިން އިއުލާން ކުރެއްވެވި ބައެއް ބޭފުޅުން ތިއްބެވީ ތަފާތު މައްސަލަތަކުގައި ޖަލުގައެވެ.

މިއަދު އިންތިޚާބު ކުރިއަށް ދިޔައިރު އަމިއްލަ ބައެއް ޖަމިއްޔާތަކުން އިންތިޚާބު މޮނީޓާ ކުރުމަށް ސަރުކާރުން ހުރަސް އެޅިކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ލިބިފައެވެ. ރަޝިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ގޮލޯސް އިން ބުނީ އިންތިޚާބާއި ގުޅޭ 2000 ޝަކުވާ ލިބިފައިވާ ކަމަށެވެ.

މިއަދު 22 ގަޑިއިރު ވަންދެން އިންތިޚާބު ކުރިއަށް ގެންދިޔައިރު 97000 ސްޓޭޝަނެއްގައި ވަނީ ވޯޓް ލާފައެވެ.