ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގައި އެތަނަށް އަރާ ފަރާތްތަކުންނާއި އެތަނަށް ޒިޔާރަށް ކުރާ ފަރާތްތަކުން އަޅާފައިވާ 100 ޓަނަށްވުރެ ގިނަ ކުނި ސާފު ކުރުމުގެ މަސައްކަތެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ދުވަހު 1200 ކިލޯގެ ކުނިވަނީ މައުންޓް އެވަރެސްޓްއިން ނަގާ ރީސައިކަލް ކުރުމަށް ކަތަމަންޑުއަށް ގެންގޮސްފައެވެ. މިހާރު ކުރިޔަށްދާ މިޕޮރޮގްރާމްގެ ދަށުން ފަރުބަދައަށް އަރާ ކޮންމެ މީހަކު އެމީހަކު ބޭނުންކޮށްފައި އެއްލާލާ ކުނި މައުންޓް އެވަރެސްޓްގައި އެކަމަށް ޚާއްސަ ކުރެވިފައިވާތަނަށް ގެންދަންޖެހެއެވެ.

ކޮންމެ އަހަރަކުވެސް ނޭޕާލްގެ ވޮލެންޓިއަރުން، އެތައް ހާސް ކުންޏެއް ދަނީ މައުންޓް އެވަރެސްޓް ސަރަހައްދުން ނަގަމުންނެވެ. މިއަހަރު މައުންޓް އެވަރެސްޓް ސާފު ކުރުމަށް މިހިންގާ ޕޮރޮގްރާމްގައި ބޮޑަށް ނަގަން ހަމަޖެހިފައިވަނީ ރީސައިކަލް ކުރެވޭފަދަ ކުންޏެވެ.

މައުންޓް އެވަރެސްޓްގައި ގިނައިން ހުންނަނީ ހުސްފުޅިއާއި ދަޅާއި ހުސްވެފައި ހުންނަ އޮކްސިޖަން ފުޅިއެވެ.