ޕާކިސްތާނުގެ ވައިގެ ޚިދުމަތް 24 ގަޑިއިރުގެ ތެރޭގައި އަލުން ފަށާނެ ކަމަށް ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހާމަކޮށްފިއެވެ.

އެއޮތޯރިޓީން ބުނެފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕާކިސްތާނުގެ ހުރިހާ އެއަރޕޯޓެއްގެ އުދުހުންތައްވެސް އާއްމު އުސޫލަށް ގެންނާނެ ކަމަށެވެ.

ޕާކިސްތާނުގެ ވައިގެ އުދުހުންތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވަނީ ޕާކިސްތާނާ އިންޑިޔާއާ ދެމެދު މަޝްރަޙް ހޫނުވެ، ދެފަރާތުގެ މެދުގައި ހަނގުރާމަ ބަދަލު ކުރަން ފެށުމާއިއެކުއެވެ. އޭރު އިންޑިޔާއިންވެސް ވަނީ ކަޝްމީރުގައި އޮޕަރޭޓް ކުރަމުން ދިޔަ އެއަރޕޯޓްތައް ބަންދު ކޮށްފައެވެ. މީގެ އިތުރުން ޕާކިސްތާނުންވަނީ ޕާކިސްތާނުގެ 6 އެއަރޕޯޓެއް ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުނެފައިވަނި ވަރަށް ގިނަ ފްލައިޓްތަކެއް މަޑު ޖައްސާލާފައި އޮތުމާއެކު މިހަފްތާ ވެގެންދާނީ ވަރަށް ބިޒީ ހަފްތާއެއް ކަމަށެވެ. އަދި ވަރަށް ގިނަ ފްލައިޓް އޮޕަރޭޓް ކުރަން ޖެހޭނެ ކަމަށެވެ. މިކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށްވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހާމަކުރެއެވެ.

ޕާކިސްތާނުގެ ބައެއް އެއަރޕޯޓް ބަންދުކޮށް އަސްކަރީ ކަންކަމަށްވަނީ ބޭނުންކޮށްފައެވެ. ނަމަވެސް އޭގެފަހުން އެއެއަރޕޯޓްތަކުންވަނީ ބޭރުގެ ބައެއް އުދުހުންތަކަށް ޖާގަ ދީފައެވެ.