ރަޝިޔާގެ ރިޔާސީ އިންތިހާބު އެއްވެސް މައިގަނޑު އިދިކޮޅު ކެނޑިޑޭޓަކާއި ނުލައި މިހާރުގެ ރައީސް ވްލަޑިމިއާ ޕުޓިން ކާމިޔާބުކުރެއްވިއިރު ގިނަ ބަޔަކު ތިބީ ޕުޓިން ވޯޓު ކާމިޔާބު ކުރި އަދަދުގެ ތަފާތު ބޮޑު ކަމުން އަޖައިބުވެ އަންތަރީސްވެފައެވެ.

މިނިވަންކަމާއިއެކު ވޯޓު މޮނިޓާރކުރަމުންދިޔަ އޮބްޒާރވަރުން ވަނީ 2000 އަށްވުރެ ގިނަ މައްސަލަ ވޯޓުލުމުގައި ހިނގާފައިވާކަމަށް ރިޕޯޓްކޮށްފައެވެ. އަދި ވޯޓުގައި މަކަރުހަދާފައިވާކަމަށް އެތައް ބަޔަކު ތުހުމަތުކުރަމުންދާއިރު ބައެއް ހާލަތްތަކުގައި މަކަރު ހަދާފައިވަނީ ވަރަށް އާދަޔާޙިލާފް އަދި މަޖާޒީ ގޮތް ގޮތްވެސް ބޭނުންކޮށްގެންނެވެ. އެކަންކަމުގެ ވިޑިއޯވެސް މިހާރު ދަނީ ސޯޝަލް މީޑިޔާ އަދި ނޫސްތަކުގައި ދައުރުވަމުންނެވެ.

ރަޝިޔާގެ މިހާރުގެ ރައީސް ކުރިއަށް އޮތް 6 އަހަރަށްވެސް ރަޝިޔާގެ ވެރިކަން ކުރެއްވުމަށް ރިޔާސީ އިންތިހާބު ވޯޓުލީ މީހުންގެ %70 ވުރެ ބޮޑު އަޢުލަބިއްޔަތަކުން ކާމިޔާބުކުރެއްވިއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕުޓިންއަށް ގޮންޖަހާލެވޭ ވަރުގެ އެއްވެސް އިދިކޮޅު ކެނޑިޑޭޓެއް ނެތްކަމެވެ. އިދިކޮޅު މައި ލީޑަރު އެލެކްސެއި ނަވަލްނީ ވަނީ ވޯޓުގައި ކެނޑިޑޭޓެއްގެ ގޮތުގައި ނަން ހުށަހެޅުމުން ކޯޓު ހުކުމެއްގެ ދަށުން މަނާކުރެވިފައެވެ. ނަވަލްނީ ވަނީ އޭނާގެ ސަޕޯޓަރުންނަށް އެ ވޯޓު ބޮއިކޮޓްކުރުމަށް ގޮވާލައިފައެވެ.

ވޯޓުލުމުގެ ތެރޭގައި އޮބްޒާރވަރުންގެ ބަޔަކުވެސް ވަގަށް ވޯޓުލާތަން ދައްކުވައިދޭ ވިޑިއޯތަކެއް އާންމުވެފައިވާއިރު ބައެއް ވޯޓުފޮށިތަކަށް ވޯޓުލުމުގެ ކުރިންވެސް ވޯޓުލާ މަންޒަރު ދައްކުވައިދޭ ވިޑިއޯވެސް ވަނީ އާންމުވެފައެވެ. ރަޝިޔާގެ ޑަގެސްޓާން ނަމަކަށްކިޔާ ސަރަހައްދެއްގައި ވްރެސްލިންގް ކުޅިވަރު ކުޅޭ ބަޔަކު ވޯޓުފޮށި ކައިރީގައި ހަމަނުޖެހުން ހިންގައި އެހެން މީހުންނަށް ވޯޓު ފޮށްޓަށް ވާސިލުވުމުން ހުރަސްއަޅަމުންދާއިރު އެހެން މީހަކު ފަހަތުން ވަގަށް ވޯޓުފޮށްޓަށް ވޯޓު ކަރުދާސް ލާ މަންޒަރު ދައްކުވައިދޭ ވިޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖޭޑް

  ހަމަ ކުޑަ ކާފް ބޮޑު ކާފް ތި ވާނީ މައުމޫނު ކިޔާ ދިނީ ކަމަށް

 2. އަހުމަދު ޒުބެއިރު

  ރާއްޖޭގެވެސް ހާލަތު. އިދިކޮޅު މީހެއް ވެއްޖެއްޔާ ޖަލަށް. އެހާ ފިނޑިވިއްޔަ.

 3. ނުރަބޯ

  ދުނިޔޭގެ ބާރުގެ ތިލަފަތް އެއްއަތަށް ބުރަވިޔަނުދިނުމަށްޓަކައި ރަޝިޔާގެ ރައީސްކަމަށް ޕުޓިން ހޮވަންޖެހޭ.

 4. ދުނިތެ

  އެމެރިކާގެ ބާރު ދުނިޔޭންކުޑަކުރުމަށް ޕުޓިންހޮވަންޖެހޭ