އިންޑިއާގެ ކަންނޫރުގައި ހިނގި އެކްސިޑެންޓެއްގައި ބޮލަށް ދަގަނޑު ހޮޅިއެއް ހެރުނު މީހަކު މަރުނުވެ ސަލާމަތް ވެއްޖެއެވެ.

އުލަސް ކުމާރު ނަމަކަށް ކިޔާ އުމުރުން 29 އަހަރު އެ މީހާގެ ބޮލަށް ހޮޅި ހެރިފައި ވަނީ އޭނާގެ ރަހުމަތްތެރިއަކާ އެއްކޮށް އެއާޕޯޓަށް ކާރެއްގައި ދުއްވަމުން ދަނިކޮށް ލޮރީއެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައެވެ. އޭނާ އެއާޕޯޓަށް ދިޔައީ އޭނާގެ ބޭބެ ބަލާ ދިޔުމަށެވެ.

އެކްސިޑެންޓު ހިނގާދިޔައިރު ކާރު ދުއްވަން އިނީ ކުމާރުގެ ރަހުމްތެރިޔާ އަބްދުލް ވައްހާބުއެވެ. އެކްސިންޓުގައި އަބްދުލް ވައްހާބު ވަނީ ވަގުތުން މަރުވެފައެވެ. ނަމަވެސް ކުމާރު އޮތީ ބޮޑެތި ޒަހަމްތަކާއެކު މަރާއި ހަނގުރާމަ ކުރާށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެކްސިޑެންޓު ހިނގުމަށްފަހު ގިނަ ބަޔަކު ތިބީ އެހީ ނުވެ މަންޒަރު ބަލަންށެވެ. ނަމަވެސް އޭގެ ތެރެއިން ކުމާރު ހޮސްޕިޓަލަށް ގެންދިޔައީ ޒުވާނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްސިޑެންޓުގައި ކުމާރުގެ ބޮލަށް ހެރިފައި ވަނީ އޭނާ އިން ކާރުގެ ބައެކެވެ. އެ ދަގަނޑު ހޮޅި ހެރުނީ އޭނާގެ ނިތްކުރިންނެވެ. އަދި ނުކުމެފައި ވަނީ ބޮލުގެ ވާތް ފަރާތުންނެވެ. ނަމަވެސް އޭނާގެ ސިކުނޑިއަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

އޭނާގެ ބޮލަށް ހެރުނު ހޮޅި ނަގާފައި ވަނީ އެސްޓާ މިމްސް ހޮސްޕިޓަލުގައި ހަތަރު ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހުއެވެ. އެ އޮޕަރޭޝަނުގައި ޑޮކްޓަރުން ވަނީ ކުމާރުގެ ލޮލުގެ ނާރުތަކަށް ގެއްލުން ނުލިބޭ ގޮތަށް ހޮޅި ނަގާފައެވެ. އެހެން ކަމުން އޭނާގެ ދެ ލޮލުން އަދިވެސް ފެނެއެވެ.

އޮޕަރޭޝަނަށް ފަހު ކުމާރުގެ ހާލު ރަނގަޅުވާން ނެގީ އެންމެ ފަސް ދުވަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޑޮކްޓަރުން ބުނެފައި ވަނީ އޭނާގެ ފުރާނަ ސަލާމަތްވެފައި ވަނީ ހަމަ ކިރިޔާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު