ސިންގަޕޫރުން ވަނީ ވަގުތީގޮތުން ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓްތައް އެގައުމަށް ޖެއްސުން އަދި ފުރުން ދިމާވެފައިވާ އެކްސިޑެންޓް އެއްގެ ސަބަބުން ސަސްޕެންޑް ކޮއްފައެވެ.

މިއި އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން ބޮއިންގްގެ ބޯޓާއިމެދު އެތަކެއް ސުވާލެއް އުފައްދާފައިވަނިކޮށް، އެ ބޯޓުތައް އުދުހުން ސިންގްޕޫރުން ވެސް މިވަނީ މަނާކޮށްފައެވެ.

އާދީއްތަ ދުވަހު 157 ފަސަންޖަރުން ގޮވައިގެން އިތިއޯޕިއާއިން ފުރައިގެން ދަތުރުކުރި ބޯޓު ވެއްޓިފައިވަނީ ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުން ދަތުރުކުރި ހުރިހާ ފަސަންޖަރުން އެ ހާދިސާގައި މަރުވެފައިވާކަމަށް އިތުބާރު ހިފޭ އިދާރާތަކުން ވަނީ ކަށަވަރު ކޮއްދީފައެވެ. މިއީ، ފާއިތުވި ފަސް މަހުގެ ތެރޭގައި އެ މަރުކާގެ ބޯޓެއް ވެއްޓުނު ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރު މަހު، އެ މަރުކާގެ ލަޔަން އެއާ ބޯޓެއް ވެއްޓި، 189 މީހުން ވަނީ މަރުވެފައިއެވެ.

މި ހާދިސާއަށްފަހު ދުނިޔޭގެ ބޮޑެތި އެއާލައިންޓަކުން ވަނީ އެ މަރުކާގެ ބޯޓު އުދުހުން މަނާކޮށްފައެވެ. ސިންގަޕޫރަކީ މުޅި އޭޝިއާ، ޔޫރަޕާއި، އެމެރިކާ ގުޅުވައިދޭ ގައުމެވެ. މިގައުން މިއަދު ބުނެފައި ވަނީ ބޮއިންގް 737 ގެ ހުރިހާ ބޯޓްތައް މިއަދުން ފެށިގެން ސަސްޕެންޑް ކޮއްފައިވާކަމަށެވެ. ސަސްޕެންޑްގެ އަސަރު އެންމެ ކުރާނީ ސިލްކް އެއާ ( ބޮއިންގް 737 ގެ 6 ބޯޓް)، ޗައިނާ ސަދަން އެއާލައިންސް، ގަރޫޑާ އިންޑޮނީޝިއާ އާއި ތައި ލަޔަން އެއާއެވެ. ފުރާމީހުންނަށް މި ނިންމުމުގެ އަސަރު ކުޑަކޮއްދިނުމުގެ ގޮތުން މިހާރު އަންނަނީ ޗަންގީ އެއާޕޯޓް ގްރޫޕާއެކު މަޝްވަރާކުރަމުންނެވެ.

ޗައިނާގައި މިހާރު 90 އަށް ވުރެ ގިނަ ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓު އުދުހެ އެވެ. އެއީ އެއާ ޗައިނާ، ޗައިނާ އީސްޓަން އަދި ޗައިނާ ސަދަން އެއާލައިންސްއެވެ. ބޮއިންގެ 737 މެކްސް 8 ގެ ބޯޓްތައް ބޭނުން ކުރަން ފަށާފައިވަނީ 2017 ގައެވެ.

ކިޔުންތެރިންގެ ހިޔާލު