އިތިއޯޕިއާ އެއާލައިންގައި ބޭނުން ކުރަމުން ދިޔަ ބޮއިން 737 މެކްސް މަރުކާގެ ފްލައިޓެއް ވެއްޓުމުން އަޅަމުން ގެންދާ ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން ޔޫރަޕްގެ ވައިގެ ސަރަހައްދާއި އެމެރިކާގެ ވައިގެ ސަރަހައްދަށް ބޮއިން 737 މެކްސްގެ ފްލައިޓްތައް ވަނުން މަނާކޮށްފިއެވެ.

ބޮއިން 737 މެކްސްގެ ފްލައިޓްތައް ގްރައުންޑް ކުރަން ފަށާފައި ވަނީ މިދިޔަ އަހަރު ވެއްޓުނު ލަޔަން އެއާލައިންގެ ފްލައިޓާއި އާދީއްތަ ދުވަހު ވެއްޓުނު އިތިއޯޕިއަން އެއާލައިންގެ ފްލައިޓަށް ވެސް ދިމާވެފައި ވަނީ ދާދި އެއް މައްސަލައެއް ކަމަށް ލަފާ ކުރެވޭތީއެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދެ ފްލައިޓް ވެއްޓުނު ސަބަބަކަށް ބޮއިން 737 މެކްސް މަރުކާ ފްލައިޓްގެ މެކޭނިކަލް މައްސަލައެއް ކަމަށް ވެދާނެއެވެ. އެހެންކަމުން ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް އިތުރަށް ތަހްލީލް ނުކޮށް ވައިގެ ދަތުރުތަކުގައި ބޭނުން ކުރުން ރަނގަޅު ނޫން ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނަމަވެސް އަނެއްބައި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބޮއިން 737 މެކްސް މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑް ކުރަން ޖެހޭ ފަދަ ހާލަތެއް އަދި ނެތެވެ. ސައުތުވެސްޓް އެއާލައިންގެ ޕައިލެޓުންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ވެސް ވަނީ ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތަކުގެ ސަލާމަތީ ކަންތައްތަކާއި މެދު އިތުބާރު އެބައޮތް ކަމަށް ބުނެފައެވެ.

މިއަދު ޔޫރަޕާއި އެމެރިކާގެ ވައިގެ ސަރަހައްދު ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތަކަށް ބަންދު ކުރުމުން ބޮއިން 737 މެކްސް މަރުކާގެ ގާތްގަނޑަކަށް ހުރިހާ ފްލައިޓެއް ގްރައުންޑް ވާނެ ކަމަށް ލަފާކުރެވެއެވެ.

އިއްޔެ ސިންގަޕޫރާއި ޗައިނާ އިން ވެސް ވަނޫ އެގައުމުތަކުގައި ބޭނުން ކުރާ ބޮއިން 737 މެކްސް މަރުކާގެ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ހުއްޓުވާފައެވެ.