އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅާ ބޮޑުވަޒީރު ތެރީސާ މޭ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި އެއްބަސްވުމަށް މެންބަރުންގެ އަޣުލަބިއްޔަތު ތާއިދު ނުލިބި މިފަހަރު ވެސް ފެއިލް ވެއްޖެއެވެ. މިއީ ފާއިތުވި ތިން މަސް ދުވަސް ތެރޭގައި ބްރެކްސިޓް އެއްބަސްވުމަށް ޤާނޫނު ހަދާ މަޖިލީހުން ނޫނެކޭ ބުނި ދެވަނަ ފަހަރެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ރޭ ނެގި ވޯޓްގައި އެއްބަސްވުމަށް ނޫނެކޭ ބުނެ 391 މެންބަރުން ވޯޓް ދިނެވެ. އެއްބަސްވުމަށް ތާއިދު ކުރީ 242 މެންބަރުންނެވެ.

މިމަހުގެ 30 ގެ ކުރިން އީޔޫ އިން ވަކިވާނެ ގޮތެއް ކަނޑައަޅަން އިނގިރޭސިވިލާތައް މަޖުބޫރެވެ. ރޭގެ ވޯޓް ނާކާމިޔާބުވި ނަމަވެސް ބޮޑުވަޒީރު މެއި ވަނީ އީޔޫގެ މައްސަލައިގައި އަދި ދެ ވޯޓެއް ނަގަން ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

މެއި ވަނީ އެއްވެސް އެއްބަސްވުމެއް ނެތި އީޔޫ އިން ވަކިވުމަށް މެންބަރުން ތާއިދު ކުރައްވާނަމަ އެކަމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ރޭ ވިދާޅުވެފައެވެ. ނަމަވެސް މެންބަރުން ވަނީ އެއްވެސް އެއްބަސްވުމެއް ނެތި އީޔޫ އިން ވަކިވުމުގެ ޚިޔާލާއި ދެކޮޅު ހައްދަވާފައެވެ.

ބައެއް މެންބަރުން ވަނީ އީޔޫ އިން ވަކިވުމުގެ ކަންކަން މާޗް 30 އަށް ވުރެ ލަސް ކުރަން ޚިޔާލު ފާޅުކުރައްވާފައެވެ. އެޚިޔާލަށް ބޮޑުވަޒީރު މެއި ވަނީ ދެކޮޅު ހައްދާވާފައެވެ. އެކަމަނާ ވިދާޅުވީ އީޔޫ އިން ވަކިވުމުގެ މައްސަލަ ލަސްކުރުމަކުން ދިމާވެފައިވާ މައްސަލަައަށް ހައްލެއް ނުގެނެވޭނެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް އާއްމު ރައްޔިތުންގެ ވޯޓަކުން ނިންމީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެތައް މަޝްވަރާއެއް ކުރެވުނު ނަމަވެސް އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގައި އަމަލު ކުރާނެ، ހުރިހާ ފަރާތްތައް އެއްބަސްވާ އެގްރީމެންޓެއް އަދިވެސް އެކުލަވާލެވިފައެއް ނުވެއެވެ.