އެމެރިކާގެ މަޝްހޫރު މަތިންދާ ބޯޓް އުފައްދާ ކުންފުނި ބޮއިން އިން ބޭނުން ކުރަމުންދާ އެކުންފުނީގެ 737 މެކްސް މަރުކާގެ ހުރިހާ ބޯޓެއް ގްރައުންޑް ކޮށްފިއެވެ.

ބޮއިން އިން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބޭނުން ކުރަމުންދާ 737 މަރުކާގެ 371 ބޯޓް ގްރައުންޑް މިކުރީ އިތިއޯޕިއާ އެއާލައިންގައި ބޭނުން ކުރަމުން ދިޔަ ބޮއިން 737 މެކްސް މަރުކާގެ ފްލައިޓެއް ވެއްޓުމުގެ ހާދިސާ އަށް ފަހު އެމެރިކާގެ ވައިގެ ދަތުރު ފަތުރުގެ ސަލާމަތާއި ބެހޭ ސޭފްޓީ ބޯޑަށް ބޯޓު ވެއްޓުމަށް މެދުވެރިވި ކަމަށް ބެލެވޭ އާ ހެއްކެއް ފެނުމާއި ގުޅިގެންނެވެ.

ފެޑްރަލް އޭވިއޭޝަން ސޭފްޓީ ބޯޑުން ބުނިގޮތުގައި އިތިއޯޕިއާ އެއާލައިންގެ ބޯޓް ވެއްޓުނީ މިދިޔަ އަހަރު ވެއްޓުނު ލަޔަން އެއާގެ ބޯޓުވެއްޓުމަށް މެދުވެރިވި މައްސަލަތަށް ދިމާވެގެން ކަމަށް ސެޓެލައިޓް ޑޭޓާ އިން ދައްކާ ކަމަށެވެ.

މިއާއި އެކު އެމެރިކާގެ ރައީސް ޓްރަންޕް ވެސް އިއްޔެ ވަނީ 737 މަރުކާގެ ހުރިހާ ބޯޓެއް ގްރައުންޑް ކުރުމަށް އަމުރު ކޮށްފައެވެ.

އެމެރިކާ, ޔޫކޭ ޔުނައިޓެޑް އަރަބް އެމެރޭޓްސް އަދި ބައެއް އެހެން ގައުމުތަކުން ކުރިން ވަނީ ބޮއިން 737 ގެ ފްލައިޓް ތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

މިމަހު 10 ވަނަ ދުވަހު އިތިއޯޕިއާއިން ކެންޔާގެ ނައިރޯބީއަށް ދަތުރު ކުރި އިތިއޯޕިއަން އެއާލައިން ބޮއެން 737ގެ ފްލައިޓް ވެއްޓުމުގެ ހާދިސާގައި ފްލައިޓުން ދަތުރުކުރި 157 މީހުން މަރުވިއެވެ. އިތިއޯޕިއަން އެއަރލައިން އިން ބުނެފައިވަނީ އެ ފްލައިޓް ފުރާފައިވަނީ އިތިއޯޕިޔާ ގަޑިން 8:38 ގައި ކަމަށާއި ފްލައިޓް ފުރިތާ މާގިނަ އިރުތަކެއް ނުވެ، ފްލައިޓް ވެއްޓިފައިވާ ކަމަށެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަމަސް ތެރޭ ހިނގި ދެ ހާދިސާގައި ފްލައިޓް ވެއްޓުނު ސަބަބަކަށް ބޮއިން 737 މެކްސް މަރުކާ ފްލައިޓްގެ މެކޭނިކަލް މައްސަލައެއް ކަމަށް ވެދާނެއެވެ. އެހެންކަމުން ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް އިތުރަށް ތަހްލީލް ނުކޮށް ވައިގެ ދަތުރުތަކުގައި ބޭނުން ކުރުން ރަނގަޅު ނޫން ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު އިބްރާހިމް

    ބޮއިން ކުންފުނިން އެ އާއިލާތަކަށް ފައިސާ ޭން ޖެހޭނެ. އެމެރިކާގެ އުސޫލާ އެއްގޮތައް ބޮޑެތި އަދަދު ތައް ހޯދަން ދައުވާ ކުރަން ފެނޭ.

  2. ނުރަބޯ

    މަތިންދާބޯޓު ވެއްޓުނީ ފައްނީ މައްސަލައެއްގެ ސަބަބުން ކަމަށްވާނަމަ އެއަރ ލައިނަށާ، ހާދިޘާގައި މަރުވި މީހުންގެ ޢާއިލާ ތަކަށް ބަދަލުދޭންޖެހޭނެ.

  3. ޖޮއްބެ

    ފުރަތަމަ ވެއްޓުނު ލަޔަން އެއަރ ގެ ފްލައިޓަކީވެސް ހަމަ އެހާމެ އައު ފްލައިޓެކެވެ. ވީއިރު އެ ފްލައިޓް ވެއްޓުމުން، މައްސަލަ އަވަހަށް ތަޙުގީގުކޮށް ތަޙުލީލުތައް ކުރިނަމަ އެ މަރުކާގެ ދެވަނަ ފްލައިޓެއް ނުވެއްޓުނީހެއްނު.....؟