އިތިއޯޕިއާ އެއާލައިންގައި ބޭނުން ކުރަމުން ދިޔަ ބޮއިން 737 މެކްސް މަރުކާގެ ފްލައިޓެއް ވެއްޓުމުގެ ހާދިސާގައި ބޯޓުން ދަތުރު ކުރި މޮރޮކޯގެ ޑޮކްޓަރެއް މަރުވީ އޭނާގެ އުފަން ދުވަހު ކަން ހާންމަވެއްޖެއެވެ.

މިމަހު 10 ވަނަ ދުވަހު ވެއްޓުނު ބޮއިން 737 މަރުކާގެ ބޯޓުގައި ދަތުރު ކުރި 35 ގައުމަކަށް ނިސްބަތްވާ 157 މީހުން މަރުވި އިރު އޭގެތެރެއިން އަރަބި މުސްލިމު ގައުމެއް ކަމަށްވާ މޮރޮކޯގެ އެނާޖީ މިނިސްޓްރީގެ އަހުމަދު ސިހާބް އަކީ އެކެކެވެ.

ސިހާބް އެ ބޯޓުން ދަތުރު ކުރީ އޭނާގެ އުފަންދުވަހުއެވެ. ވެއްޓުނު ބޯޓުން ސިހާބް ނައިރޯބީއަށް ދިޔައީ އދގެ ތިމާވެށީގެ ކޮންވެންޝަނަކަށެވެ.

ބޯޓް ވެއްޓުމުގެ ހާދިސާގައި ސިހާބް އޭނާގެ އުފަން ދުވަހު މަރުވި އިރު ގިނަ ބަޔަކު ދިޔައީ މީސް މީޑިއާގައި އޭނާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.

ބޯޓް ވެއްޓުމުގެ ހާދިސާ އަށް ފަހު އެމެރިކާގެ މަޝްހޫރު މަތިންދާ ބޯޓް އުފައްދާ ކުންފުނި ބޮއިން އިން ބޭނުން ކުރަމުންދާ އެކުންފުނީގެ 737 މެކްސް މަރުކާގެ ހުރިހާ ބޯޓެއް މިހާރު ވަނީ ގްރައުންޑް ކޮށްފައެވެ.

އިތިއޯޕިއާއިން ކެންޔާގެ ނައިރޯބީއަށް ދަތުރު ކުރި އިތިއޯޕިއަން އެއާލައިން ބޮއެން 737ގެ ފްލައިޓް ވެއްޓުމުގެ ހާދިސާގައި ފްލައިޓުން ދަތުރުކުރި 157 މީހުން މަރުވެފައިވާއިރު އިތިއޯޕިއަން އެއަރލައިން އިން ބުނެފައިވަނީ އެ ފްލައިޓް ފުރާފައިވަނީ އެދުވަހު އިތިއޯޕިޔާ ގަޑިން 8:38 ގައި ކަމަށާއި އަދި ފްލައިޓް ފުރިތާ މާގިނަ އިރުތަކެއް ނުވެ، ފްލައިޓް ވެއްޓިފައިވާ ކަމަށެވެ. އަދި ފްލައިޓް ފުރިތާ 6 މިނެޓް ތެރޭގައި ފްލައިޓާ ކޮންޓެކްޓް ގެއްލިފައިވާ ކަމަށް ފްލައިޓް ޓޭކް އޮފް ކުރި ބޯލް އިންޓަރނޭޝަނަލް އެއަރޕޯޓުން މަޢުލޫމާތު ދެއެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަމަސް ތެރޭ ހިންގި ދެ ހާދިސާގައި ފްލައިޓް ވެއްޓުނު ސަބަބަކަށް ބޮއިން 737 މެކްސް މަރުކާ ފްލައިޓްގެ މެކޭނިކަލް މައްސަލައެއް ކަމަށް ވެދާނެއެވެ. އެހެންކަމުން ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް އިތުރަށް ތަހްލީލް ނުކޮށް ވައިގެ ދަތުރުތަކުގައި ބޭނުން ކުރުން ރަނގަޅު ނޫން ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު