އިނގިރޭސިވިލާތް އީޔޫގެ މެންބަރު ކަމުން ވަކިވުމާއި މެދު އަނެއްކާވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ފެނޭތޯ ބަލަން އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ދެންމެ ނެގި ވޯޓް ފެއިލް ވެއްޖެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ މައްސަލަ "ހަތަރު އަނގޮޅިއަކަށް ހުއްޓިފައި" އޮތް މައްސަލައަށް ޤާނޫނީ ހައްލެއް ލިބޭތޯ ކުރަމުން އަންނަ މަސައްކަތުގައި މިރޭ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ އަނެއްކާވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ، އީޔޫ އިން ވަކިވުމާއި މެދު ރައްޔިތުން ގޮތެއް ނިންމުމަށެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަލުން ނަގަން ހުށަހެޅި ހުށަހެޅުމަށް ތާއިދު ކުރީ އެންމެ 85 މެންބަރުންނެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ދެކޮޅަށް 334 މެންބަރުން ވޯޓް ދެއްވިއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުން ޖޫން މަހުގެ 30 އަށް އިތުރު ކުރަން މިރޭ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ދެވޯޓްގެ ތެރެއިން އެއް ވޯޓް ވަނީ ފެއިލް ވެފައެވެ. ފެއިލްވީ އެއްވެސް ޝަރުތެއް ނެތި އީޔޫ އިން ވަކިވުމުގެ މުއްދަތު އިތުރު ކުރުމަށް ނެގި ވޯޓެވެ. އެވޯޓް ފާސްކުރަން 311 މެންބަރުން ރުހުން ލިބުނު ނަމަވެސް 314 މެންބަރުން ވަނީ މިހުށަހެޅުމާއި ދެކޮޅަށް ވޯޓް ދީފައެވެ. މިހުށަހެޅުން ފާސްނުވީ އެންމެ ތިން ވޯޓް މަދުވުމުންނެވެ.

ނަމަވެސް އަންނަ ބުދަ ދުވަހު އީޔޫ އިން ވަކިވުމުގެ އެއްބަސްވުން ޤާނޫނު ހަދާ މަޖިލީހުން ފާސްނުވެއްޖެ ހާލަތެއްގައި ޖޫން 30 އާއި ހަމައަށް އީޔޫ އިން ވަކިވުމުގެ މުއްދަތު އިތުރު ކުރަން ވަނީ ފާސްކޮށްފައެވެ. އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި މުއްދަތު އިތުރު ކުރަން 412 މެންބަރުން ވޯޓް ދިންއިރު ދެކޮޅަށް ވޯޓް ދިނީ 202 މެންބަރުންނެވެ.

އެއްވެސް އެއްބަސްވުމަކަށް ނާދެވި އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ޖެހިދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު ޤާނޫނު ހަދާ މަޖިލީހުން ނިންމާފައި ވަނީ އީޔޫ އިން ވަކިވުމުގެ ކުރިން ކޮންމެވެސް ވަރެއްގެ އެއްބަސްވުމެއް ގާއިމް ކުރުމަށެވެ.