އިސްރާއީލްގެ ހައްދުފަހަނަޢަޅާފައިވާ އަނިޔާވެރި ސިފައިން ޣައްޒާގެ ސަރަހައްދުތަކަށް ރޭ ގިނަ އަދަދެއްގެ ވައިގެ ހަމަލާތައް ދީފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން 30 އަށް ވުރެ ގިނަ ބޮމުގެ ހަމަލާ ރޭ ވަނީ ދީފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ދެންމެ ނެރުނު ކުރު ބަޔާނެއްގައި ވަނީ ޣައްޒާ އަށް ހަމަލާތައް ދީފައިވާކަމަށް އެއްބަސްވެފައެވެ. ހަމަލާތައް ދިނީ އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ރޮކެޓް ހަމަލާއެއް ދިނުމުން ކަމަށް އިސްރާއީލުން ބުނެއެވެ.

ތެލް އަވީވް އަކީ ޣައްޒާ އާއި ވަރަށް ދުރު ސިޓީ އެކެވެ. ތެލްއަވީވަށް ޣައްޒާ އިން ރޮކެޓް ހަމަލާއެއް ފޮނުވާލާފައި ވާނަމަ އެއީ ޣައްޒާގެ މުޖާހިދުން އަސްކަރީ ގޮތުން ހޯދި ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބެއް ކަމަށް މީޑިއާތަކުން ބުނެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މިއަދު ބުނީ ހަމަލާތައް ދީފައި ވާނީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢާތުގެ ތަންތަނަށް ކަމަށެވެ.

އިސްރާއީލްގެ ސިފައިން ރޭ ޣައްޒާ އަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. ހަމަލާގައި ކިތައް މީހުން ޝަހީދުވި ކަމެއް ވެސް އަދި ޒަހަމްވި މީހުންގެ އަދަދެއް ވެސް މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާޢާތުން ބުނީ ތެލްއަވީވަށް ހަމާސް އިން އެއްވެސް ހަމަލާއެއް ދީފައި ނުވާނެކަމަށާއި ހަމާސް އޮތީ ހަމަލާ ބައްދަލު ކުރުން ހުއްޓާލަން އެންމެ ފަހުން ވެފައި އޮތް އެއްބަސްވުމުގެ މަތީގައި ކަމަށެވެ.

އިސްރާއީލްގެ ސަރުކާރުން ވަނީ ތެލްއަވީވްގައި ދިރިއުޅޭ މީހުން ހަމަލާއެއް އަމާޒު ވެދާނެ ކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.