ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެގައުމުގެ އަވަށްޓެރި އޮސްޓްރޭލިއާގެ ދިދަ ބައިދަނޑިއަށް ތިރިކޮށް، މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމުގައި ކަނޑައަޅައިފިއެވެ.

ހުކުރު ނަމާދަށް އެތަކެއް މުސްލިމުންނެއް ޖަމާވި މިސްކިތަށް އަމާޒުކޮށް، ނުރައްކާތެރި ނިރުބަވެރި ހަމަލާއެއް ދީފައިވާ އިރު، އެ ހަމަލާގައި 49 މީހަކު ޝަހީދުވިކަން ވަނީ މިހާރުވެސް ޔަގީންވެފައެވެ. އެތައް މުސްލިމުންނެއްގެ ލޭ މިސްކިތުގެ ތެރެއަށް އޮހޮރިގެން ދިޔަ އިރު، އެ ހަމަލާގެ ބިރުވެރިކަން މުޅި ނިއުޒީލެންޑަށް ވަނީ ފެތުރިގެން ގޮސްފައެވެ.

ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، އެކަކުގެ މައްޗަށް މީހުން މެރިކަމުގެ ދައުވާވެސް ކޮށްފައިވާ އިރު، އޭގެ ތެރެއިން އެކަކީ އޮސްޓްރޭލިއާގެ މީހެއް ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވިދާޅުވީ އެ ހަމަލާއަކީ އިންސާނިއްޔަތާ ހިލާފު، ނިރުބަވެރިކަމުގެ އިންތިހާ ދަރަޖައިގެ ހަމަލާއެއް ކަމަށާއި، މިއަދަކީ ނިއުޒީލެންޑާއި އޮސްޓްރޭލިއާއަށްވެސް ކަޅު ދުވަހެއް ކަމަށެވެ. އޭގެ އިތުރުން ނިއުޒީލެންޑަކީ އެއްބަނޑު އެއްބަފާކަމެގެ ގުޅުމެއް އޮންނަ އާއިލީ ގައުމެއް ކަމަށްވެސް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.

އާންމުކޮށް އަމާން ގައުމުގެއްގެ ގޮތުގައި ނިއުޒީލެންޑް ފާހަގަކޮށްލެވޭ އިރު، މިއަދުގެ ހަމަލާއަކީ ނިއުޒީލެންޑަށް ބޮޑު ބިރުވެރިކަމެއް ވެރިވެގެން ދިޔަ ދުވަހެކެވެ. ހުކުރު ވަގުތު ހުކުރަށް ގޮސްތިބި އެތައް މުސްލިމުންނަކަށް މިއަދުގެ ހަމަލާ އަމާޒުކޮށްފައިވާ އިރު، މިއަދުގެ ހަމަލާގައި ބައިވެރިވި އެކަކު، ހަމަލާގެ ކުރިން މުސްލިމުންނާ ދެކޮޅު ބޮޑު 'މެނިފެސްޓޯ"އެއް ފޭސްބުކްގައި ހާމަކޮށްފައިވެއެވެ.