މިއަދު ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތައް ދިން ހަމަލާގައި 49 މީހުން މަރުވެ 20 މީހުން ޒަހަމްވެފައި ވާއިރު ހަމަލާ ދިން ދެ މިސްކިތައް މިއަދު ނަމާދަށް ދިޔަ ބައެއް މީހުންގެ ޚަބަރެއް އަދިވެސް ނުވެގެން އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އަބްދީ އިބްރާހިމް އަކީ މިއަދު ޑީންސް އާވީގައި ހުންނަ މިސްކިތައް އޭނާގެ ބައްޕަ އާއި ތިން އަހަރުގެ ކޮއްކޮ އާއި އެކު ހުކުރަށް ދިޔަ މީހެކެވެ. ބަޑި ޖަހަން ފެށުމާއި އެކު އިބްރާހިމް މިސްކިތުގެ ރައްކާތެރި ހިސާބަކަށް ޖެހި ސަލާމަތްކަން ހޯދިއެވެ. ހަމަލާ ހުއްޓުމުން އޭނާ ދިޔައީ ހޮސްޕިޓަލަކަށެވެ. އެއީ އާއިލާ މެންބަރުންގެ ޚަބަރެއް ވޭތޯ އެވެ. އިބްރާހިމަށް އެނގުނު ގޮތުގައި އިބްރާހިމްގެ ބައްޕަ ވަނީ މިސްކިތުގައި މަރުވެފައެވެ. ނަމަވެސް އޭނާގެ ތިން އަހަރުގެ ކޮއްކޮ މުކާދް ވީތަނެއް އަދިވެސް ނޭނގެއެވެ.

މުކާދު ހޯދުމުގެ މަސައްކަތް އާއިލާ މެންބަރުންނާއި އިބްރާހިމް ގެންދަނީ ކުރަމުންނެވެ. ނަމަވެސް އަދި މުކާދުގެ އެއްވެސް ޚަބަރެއް ނުވެއެވެ.

ޖެނާ އިއްޒަތު އާއި ހާޒިމް އަލް-އުމާރީ އެމީހުންގެ 36 އަހަރުގެ ދަރިފުޅު ހުސައިންނާއި އެންމެ ފަހުން ވާހަކަދެއްކީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޑީންސް އާވީ ގައި ހުންނަ މިސްކިތަކީ ހުސައިން އެންމެ ގިނައިން ނަމާދަށް ދާ މިސްކިތެކެވެ. އެމިސްކިތައް ދިން ހަމަލާގައި ހުސައިން މަރުވެފައި ވާނެ ކަމަށް ބެލެވުނު ނަމަވެސް އަދި އެކަން މުޅިން ކަށަވަރެއް ނުވެއެވެ. ހުސައިން ހޯދަން އޭނާގެ މަންމަ އާއި ބައްޕަ ކުރަމުން ގެންދާ މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.

މަންމަ އާއި ބައްޕަ ކެނޑިނޭޅި ހުސައިންގެ ފޯނަށް ގެންދަނީ ގުޅަމުންނެވެ. ފޯނަށް ޖަވާބެއް ނުދެއެވެ.

ހުސައިން މަރުވި ނަމަވެސް މަންމަ އާއި ބައްޕަ ތިބީ ކެތްތެރިވެގެންނެވެ. "އޭނާ ނަމާދަށް ހުއްޓާ މަރުވެ ދިއުމަކީ އަހަރެމެން ކެތްތެރިކަން އިސްކުރި އެއް ސަބަބު. އޭނާ މަރުވި ނަމަވެސް އެވަނީ ﷲ ގެ ރައްކާތެރިކަމުގައި." ހުސައިންގެ މަންމަ ބުންޏެވެ.

ހުސައިންގެ އާއިލާ އަކީ 1997 ވަނަ އަހަރު އޫއޭއީ އިން ނިއުޒިލޭންޑަށް ހިޖުރަކުރި އާއިލާ އެކެވެ.

ކޭޝްމީ ހައި ސްކޫލްގެ ޕްރިންސިޕަލް މާކް ވިލްސަން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެ ސްކޫލްގެ ތިން ދަރިވަރުން ބަޑި ޖެހި އިރު މިސްކިތުގައި ތިބި ކަމަށާއި އެއީ 9 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖަކާއި 10 އަހަރުގެ ކުއްޖެއް ކަމަށެވެ. 9 އަހަރާއި 12 އަހަރުގެ ދެކުދިންނަކީ ދެބެއިންނެވެ. އެ ދެބެއިންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. 10 އަހަރުގެ ކުއްޖާ ވީތަނެއް ނޭނގިގެން އާއިލާ އިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އުމަރު ނަބީ އަކީ ވެސް ޑީންސް އީވް ގައި ހުންނަ މިސްކިތައް ހުކުރަށް ދިޔަ މީހެކެވެ. އޭނާގެ ބައްޕަ މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި ހާދިސާ ހިނގި ފަހުން އުމަރުގެ ޚަބަރެއް ވެސް އަދި ނުވެއެވެ. އުމަރު ހޯދަން ކުރަމުން ގެންދާ މަސައްކަތުން ވެސް އަދި ކުރިއެރުމެއް ނުލިބޭ ކަމަށް ބައްޕަ ބުންޏެވެ.

ނިއުޒިލޭންޑްގައި ދިރިއުޅޭ ނަމަވެސް މިހާރު ޗުއްޓީއެއްގައި ޕާކިސްތާނަށް ގޮސް ހުރި އަމްނާ އަލީ އެންމެ ފަހުން އޭނާގެ ފިރިމީހާ ސައީދު ޖަހަންދާދް އާއި ވާހަކަދެއްކީ ހުކުރު ދުވަހު ހެނދުނު ސައި ބޯން އިނދެއެވެ. ސައީދު ހުކުރަށް ދާނީ ކްރިސް ޗާޗްގެ ޑީންސް އީވް މިސްކިތައްކަން އަމްނާ އަށް ޔަގީންވެއެވެ. ހަމަލާގެ ޚަބަރު ލިބުނު ފަހުން އަމްނާ ގެންދަނީ ސައީދުގެ ޚަބަރެއް ވޭތޯ ފޯނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް އަދި އެއްވެސް ޚަބަރެއް ނުލިބެއެވެ.

ފުލުހުން ބުނީ މި ދަތި ވަގުތުގައި އާއިލާ މެންބަރުންގެ އިހްސާސްތައް ހުންނާނެ ގޮތް ފުލުހުންނަށް ވެސް އެނގޭ ކަމަށާއި ހަމަލާގައި މަރުވި މީހުން ދެކެގަނެ އެމީހުންގެ އާއިލާތަކަށް އާއިލާ މެންބަރުންގެ މައުލޫމާތު ވީއެންމެ އަވަހަކަށް އެންގުމަށް ހުއްޓުމެއް ނެތި ހުރިހާ އިދާރާތަކަކުން ވެސް ކުރަމުން ގެންދާ ކަމަށެވެ.

ކްރިސްޗާޗްގެ ހޮސްޕިޓަލްގައި އާއިލާ މީހުންގެ ޚަބަރެއްގެ އިންތިޒާރުގައި މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިކް

    ދަ ޓެރަރިސްޓް ޝޫޓްސ ވިތައުޓް އޯ އައުޓް އޮފް އިންޓެންޝަން އެންޑް ނައު ހީ ރީގްރެޓްސް.
    ހީ ވޯޒް ފޮސެސްޑް ބައި އަ ޖިން އިފް ހީ ރީގްރެޓްސް.

  2. Anonymous