މެކްސިކޯގެ ކޯރަކުން މަރުވެފައިވާ 19 އިންސާނެއްގެ ހަށިގަނޑު އެގައުމުގެ ފުލުހުން ހޯދައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ކުދިކޮށް ކޮށާ ކޮތަޅުތަކަށް އެޅުމަށްފަހު އުކާލާފައިވާ ހަށިގަނޑުގެ ބައިތައް ފުލުހުން ހޯދި އިރު އޭގެ ތެރެއިން 18 މީހަކީ ފިރިހެނުންނެވެ. އަދި އޭގެ ތެރެއިން އެއް ހަށިގަނޑަކީ އަންހެނެއްގެ ހަށިގަނޑު ކަމަށް މިހާތަނަށް ބެލިބެލުމުން އެގިފައިވާ ކަމަށް މެކްސިކޯގެ ފުލުހުން ވަނީ ބުނެފައެވެ.

މެކްސިކޯއަކީ ޑްރަގްގެ ވަގު ވިޔަފާރިއާއި އިންސާނީ ވަގުފާރި އެންމެ ފުޅާކޮށް ކުރަމުންދާ އެއްގައުމަށް ވާއިރު އެގައުމުގެ ފުލުހުން މިހާރު ދަނީ މަރާލާފައި ކޯރަށް އެއްލާލާފައި އޮއްވާ ފެނުނު މީހުންނަކީ އެއްވެސް ކަހަލަ ކުށެއް ކުރި ބައެއްތޯ ބަލާ ތަހުގީގު ކުރަމުންނެވެ.

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންމެ އަހަރަކު އެތަށް ބައެއް މަރުވަމުންދާއިރު އެގައުމުގެ ފުލުހުން ގަބޫލުކުރާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު 19 މީހުންގެ މަރުގެ ފަހަތުގައި ވަނީ އެގައުމުގައި ހަރަކާތްތެރިވަމުން އަންނަ ބާރުގަދަ ގޭންގެކެވެ.

މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކޮކޭންއާއި ހެރޮއިން ފަދަ އެއްޗެހި ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އައި ސިނަލޯއާ ކާޓެލްގެ ވެރިޔާ އެލްޗަޕޯ ނިސްބަތްވަނީ މެކްސިކޯއަށެވެ.