އިއްޔެ ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތައް ދިން ހަމަލާގައި 49 މީހަކު ޝަހީދުވެ، 82 މީހަކަށް ޒަޚަމްތަކެއް ލިބިފައިވާއިރު، މިހާދިސާގައި ސަލާމަތްވި ބައެއް ފަރާތްތަކުންދަނީ މިއަދު ކަން ހިނގިގޮތް ކިޔައިދެމުންނެވެ. މިގޮތުން ވަސީމް އަލްސާޓީއަކީވެސް އިއްޔެގެ ނިރުބަވެރި (ޓެރެރިސްޓް) ހަމަލާގައި ގައިގެ 5 ތަނަކަށް ވަޒަން އެރި މީހެކެވެ.

ވަސީމަކީ ޖޯޑަންއިން ނިއުޒިލޭންޑްއަށް ދިރިއުޅުން ބަދަލު ކުރި މީހެކެވެ. އާއްމުދަނީ ހޯދުމަށް ބޯ ކޮށަމުން އަންނަ ވަސީމް އޭނާގެ ދިރިއުޅުން، ނިއުޒިލޭންޑަށް ބަދަލު ކުރީ އޭނާގެ ދެ ދަރިންނަށް އަމާން މުސްތަޤްބަލެއް ހޯދައިދިނުމަށެވެ. ނަމަވެސް ކަން ހިނގީ ހީކުރި ގޮތާ ޚިލާފަށެވެ. އިއްޔެގެ ޓެރެރިސްޓް ހަމަލާގައި ނިރުބަވެރިޔާވަނީ އޭނާގެ 5 އަހަރުގެ ދަރިފުޅުގެ ގަޔަށް ޖެހި ޖެހިގެން 3 ފަހަރު ބަޑި ޖަހާފައެެވެ.

ވަސީމް ބަލި އެދުގައި އޮވެ ވީޑިއޯކޮށް މީސްމީޑިޔާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި މިވާހަކަތައްވަނީ ކިޔާދީފައެވެ. އޭނާ ހުރިހާ އެންމެންގެ ކުރެން އެދިފައިވަނީ އޭނާގެ ތުއްތު ތުއްތު ކުއްޖާ ސަލާމަތްވޭތޯ، ހުރިހާ އެންމެން ދުޢާކޮށްދިނުމަށެވެ. ޔާ ﷲ! އެމައުސޫމް ސަލާމަތް ކުރައްވާންދޭ! އާމީން!

އޭނާ އާއްމު ކުރި ވީޑިއޯގައި އޭނާގެ ހުރިހާ ރަޙްމަތްތެރިންނާއި އާއިލާ މީހުންގެ ކިބައިންވަނީ މަޢާފަށް އެދިފައެވެ.

"އަހަރެން ވަރަށް ވަރުބަލި. ވަރަށް ބޮޑަށް މަޢާފަށް އެދެން ފޯން ކޯލް އަދި މެސެޖްތަކަށް ރިޕްލައި ނުކުރެވޭތީ. މިވީޑިއޯ ކޮޅު އާއްމު މިކުރަނީ، ހުރިހާ އެންމެންނަށް އެކީ މެސެޖެއް ދޭން." އޭނާ ވީޑިއޯގައި ބުނެފައިވެއެވެ.

2014 ވަނަ އަހަރު ނިއުޒިލޭންޑަށް ހިޖުރަކުރި ވަސީމްވަނީ އެޤައުމުގައި އޭނާގެ އަމިއްލަ ބޯ ކޮށާތަނެއް ހުޅުވާފައެވެ. ޓެރެރިސްޓް މީހާގެ ހަމަލާތަކުގެ ކުރިން، ވަސީމް އާއި އެނާގެ ޢާއިލާ އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. އެކަން އެފޭރިގަތީ އެއްވެސް ރަޙްމަތް ހަމްދަރުދީއެއް ނެތިއެވެ.