މިދިޔަ ހުކުރު ދުވަހު ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 50އަށް އަރާފައެވެ. މުސްލިމުންގެ އެތައް ބަޔަކު ނަމާދު ކުރަމުން ދަނިކޮށް ދިން އެ ލާއިންސާނީ ހަމަލާއާއެކު އެތައް ބަޔަކު ބުނެފައި ވަނީ ނިރުބަވެރި ކަމަކީ ވަކި ދީނެއްގައި އޮންނަ ކަމެއް ނޫން ކަން އެ ހަމަލާއިން ސާފު ވެއްޖެ ކަމަށެވެ.

މީގެ ކުރިން ޔޫރަޕްގެ މީޑިއާތަކުން ބުނަމުން އައީ، އަދި ލޭބަލް ކުރަމުން އައީވެސް ނިރުބަވެރި ކަމަކީ މުސްލިމުންގެ ތެރޭގައި އޮންނަ ކަމެއް ކަމަށެވެ. ނިއުޒިލޭންޑްގެ މިސްކިތަށް ދިން ހަމަލާއާއެކު އެ ވިސްނުމަށް ބަދަލު އަންނަން ފަށައިފިއެވެ. މުޅި ދުނިޔޭގައިވެސް ރުޅިއާ ނަފުރަތު މިހާރު އޮތީ މުސްލިމުންނަށް އެކަންޏެއް ނޫނެވެ. ނިއުޒިލޭންޑް ހަމަލާދިން އޮސްޓްރޭލިޔާގެ ނިރުބަވެރިޔާ، ހަމަލާގެ ކުރިން ފޭސްބުކްގައި މުސްލިމުންނާ ދެކޮޅު ބޮޑު ޕްރޮޕެގެންޑާއެއް އިއުލާން ކޮށްފައިވާ އިރު، އެކަމާ ގުޅިގެން ގައިރު މުސްލިމުންގެ މެދުގައިވެސް މުސްލިމުންނަށް ވަނީ ގަދަރު އުފުލިފައެވެ.

ހާދިސާއާ ގުޅިގެން މިސްކިތްތަކަށް ދިޔުމަށް މުސްލިމުންނަށް ބިރުވެރި ކަމަކަށް ވެފައިވާ އިރު، އެ ދުވަހުން އެދުވަހަށް އިނގިރޭސިވިލާތުގެ މިސްކިތްތަކުގައިވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އެގައުމުގެ ފުލުހުން ބުނެފައި ވަނީ މުސްލިމުން ހިމާޔަތް ކުރާނެ ކަމަށާއި، މިސްކިތްތަކުގައި ފާރައަށް ތިބޭނެ ކަމަށެވެ.

އެ ހުރިހާ ކަމަކާއެކުވެސް މެންޗެސްޓާއިން ފެނުނު ތަފާތު މަންޒަރަކަށް ވަނީ އިންޓަނެޓްގެ ސަމާލުކަން ބޮޑުވެފައެވެ. އެންޑްރޭ ގްރޭސްޓޯން ކިޔާ މީހަކު، އެ ސަރަހައްދުގެ މިސްކިތެއް ކަމަށްވާ މަޑީނާ މިސްކިތުގެ ދޮރު ކައިރީގައި ބޯޑެއް ހިފައިގެން ހުރި ފޮޓޯއެއް މަޝްހޫރުވީ ބޯޑުގައި ލިޔެފައިވާ ލިޔުން ކޮޅުންނެވެ.

ލިޔުން ކޮޅުގައި ވަނީ "ސަލާމް. ތިއީ އަހަރެންގެ އެކުވެރިން. ނަމާދުކޮށް ނިމެންދެން ރައްކާތެރިކަން ބަލާދޭން ހުންނާން،" މިހެންނެވެ. އޭނާ ހޯދުމަށް އިންޓަނެޓްގައި ގިނަ ބަޔަކު ކިޔަން ފަށާފައިވާ އިރު، އޭނާގެ ދަރިފުޅު ވަނީ ރަނގަޅު ކަމަކަށްޓަކައި ބައްޕަ، އިންޓަނެޓްގެ މަޝްހޫރުކަން ހޯދީތީ އުފާކޮށްފައެވެ.

އެންޑްރޭ ބުނެފައި ވަނީ މިސްކިތުން ނުކުތް އެތައް ބަޔަކު އޭނާއަށް ޝުކުރު އަދާކުރި ކަމަށާއި، ތަރުހީބުވެސް ދިން ކަމަށެވެ. އަދި އިންސާނިއްޔަތުކަން ނެގެހެއްޓީތީ ޝުކުރު އަދާކުރި ކަމަށްވެސް ބުނެފައިވެއެވެ. އޭނާ ބުނެފައި ވަނީ އެ ދުވަހު މުސްލިމުންނަށް ނަމާދު ކުރުމަށް އޮތް ބިރުވެރިކަން އިހުސާސް ކުރެވުނު ކަމަށާއި، އެއީ ފަރުދީ ގޮތުން، މުޖުތަމައަށް އޭނާ ކޮށްދިން ހިދުމަތެއް ކަމަށެވެ.

އެންޑްރޭ ބުނެފައިވާ ގޮތުގައި އެއްވެސް ހާލެއްގައި އެއް އިންސާނަކު އަނެއް އިންސާނަކަށް ހަމަލާ ދިނުން އެއީ މޮޅެއް ގޮތެއް ނޫނެވެ. އޭނާ އެދެނީ މުސްލިމުންނަށްވެސް ރައްކާތެރިކަން ލިބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޓެއްސެއް

    އުފާވެރި ހަބަރެއް ?

  2. ބުދިސްތު

    އިންސާނިއްޔަތުކަން ފެންނާނީ މުސްލިމުންގެ ކިބައިންތަ ނޫނީ މުސްލިމު ނޫން މީހުންގެ ކިބައިންތަ؟

    1
    11
  3. .....

    އިނގިރޭސިން މުސްލިމުންނަށް ހިމާޔަތް ދޭކަށް ނޫން ފުލުހުން މަގުތަކަށް ނެރެގެން އެއުޅެނީކީ...މިސްކިތު ހަމަލާގެ ބަދަލުގަ މުސްލިމުން ކަމެއްކޮށްފާނެތީ އެއުޅެނީ...އެ ލާ އިންސާނީ ހަމަލާގެ ފަހަތުގަ ބާރު ގަދަ ގައުމުތަކެށްވާކަމަށް ތުހުމަތު ކުރެވޭ ސަބަބުތަށް އެބަހުރި

    14
    3
    • ހަމްދު

      މާބޮޑަށް ތިއިނގެނީ. ތިހެން ކަމަށްވަންޏާ އެމީހުން މަގުތަކަށް ނުކުމެ ގާޑު ކުރާނީ ކްރިސްޓިއަން ފައްޅިތައް

      2
      5
  4. ބުރޯ

    މުސްލިމުން ނިކުންނަންޖެއްސީ އިގިރޭސިންނާ އެމެރިކާ އިން ފަލަސްޓީނުގެ މުސްލިމުނަކަތިލާ އެތަނަށް ޔަހޫދީން ވެރިކުރުވުމުން. އަފްގާން މުސްލިމުން ކަތިލާ އެތަނަށް އަތަގަދަކުރުމުން. އިރާގުގާ ލާއިންސާނީ ހަމަލާދީ އެނަށް ވެރިވުމުން.

  5. އަލީ

    أَلَمْ تَرَ إِلَى الَّذِينَ نَافَقُوا يَقُولُونَ لِإِخْوَانِهِمُ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ ۞ لَئِنْ أُخْرِجُوا لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ الْأَدْبَارَ ثُمَّ لَا يُنصَرُونَ
    "މުނާފިގުވީމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ފޮތުގެ އަހުލުވެރިންކުރެ ކާފަރުވެގެންތިބި އެއުރެންގެ އަޚުންނަށް އެއުރެން ބުނެތެވެ. ތިޔަބައިމީހުން ރަށުން ނެރެލައިފިނަމަ، ތިޔަބައިމީހުންނާއި އެކު ތިމަންމެންވެސް ނުކުންނާނަމެވެ. ތިޔަބައިމީހުންނަށް ގެއްލުންދިނުމުގައި ދުވަހަކުވެސް އެއްވެސް މީހަކަށް ތިމަންމެން ކިޔަމަނެއްނުވާނޫއެވެ. އަދި ތިޔަބައިމީހުންނާއި ދެކޮޅަށް ހަނގުރާމަކޮށްފިނަމަ، ތިމަންމެން ތިޔަބައިމީހުންނަށް ނަޞްރުދޭހުށީމެވެ. ހަމަކަށަވަރުން އެއުރެންނީ ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެއުރެން ނެރެލައިފިނަމަ، އެއުރެންނާއި އެކު އެއުރެންނެއް ނުނިކުންނާނެތެވެ. އަދި ހަމަކަށަވަރުން އެއުރެންނާއި ހަނގުރާމަކޮށްފިނަމަ އެއުރެންނަކަށް އެއުރެން ނަޞްރެއްވެސް ނުދޭނެތެވެ. އަދި ހަމަކަށަވަރުން އެއުރެންނަށް ނަޞްރުދިނުމަށް ނިކުތަސް، އެއުރެން ފުރަގަސްދީ ދުވާނެކަން ކަށަވަރެވެ. ދެން އެއުރެންނަކަށް އެއްވެސް ފަރާތަކުން ނަޞްރެއް ނުލިބޭނެތެވެ." (59:11-12)