އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަޝްމީރުފެ ޓީޗަރެއް މަރުވުމާއި ގުޅިގެން ކަޝްމިީރުގައި އިންޑިއާ ފުލުހުންނާއި އާންމުނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގަން ފަށައިފިއެވެ.

އިންޑިއާއިން އަޅުވެތިކޮށްފައިވާ ކަޝްމީރުގެ، ސްކޫލެއްގެ ކެމިސްޓްރީ ޓީޗަރެއް ކަމަށްވާ ރިޒްވާން އައްސަދު ޕަންޑިތު މަރުވީ ހަމަޖެހުން ނަގާލަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ތަހުގީގަށް ހައްޔަރު ކޮށްފައި ހުއްޓައެވެ.

އިންޑިއާ ފުލުހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަނިކޮށް ރިޒްވާން މަރުވި ސަބަބު ބަލަން މިހާރު ތަހުގީގު ފަށާފައިވާ ކަމަށެވެ.

ރިޒްވާންގެ މަރާއި އެކު އާއިލާގެ އިތުރުން ކަޝްމީރުގެ އެތަށް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ ރިޒްވާން ވަނީ ގަސްތުގައި މަރާލާފައިވާ ކަމަށް ބުނެ ދަނީ އަޑު އުފުލަމުންނެވެ.

ރިޒްވާންގެ ބޭބެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ރިޒްވާން ހައްޔަރު ކުރީ މަގުބޫލު އުޒުރެއް ދެކުމެއް ނެތި ކަމަށާއި ހައްޔަރު ކުރީ ވަރަށް އަވަހަަށް ދޫކޮށްލާނެ ކަމަށް ބުނެ ކަމަށެވެ.

މިދިޔަ މަހު 14 ވަނަ ދުވަހު އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާއަށް ފަހު ކަޝްމީރުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައެވެ.

ކަޝްމީރުގެ މިލްކުވެރިކަމާއި މެދު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ދައުވާ ކުރެއެވެ. މިހާރު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރަކީ ޕާކިސްތާނުގެ ބައެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ދޭތެރެ ދޭތެރެއިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަކާލާތު ކުރަނީ ކަޝްމީރަކީ ވަކި ގައުމަކަށް ހަދާށެވެ.

1989 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަޝްމީރުގައި ވަނީ 70000 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ.