މިދިޔަ ހުކުރު ދުވަހު ހުކުރު ވަގުތާ ދިމާކޮށް، ނިއުޒިލޭންޑްގެ ދެ މިސްތަކަށް ދިން ހަމަލާގައި، މިސްކިތްތަކަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށްފަހު، މާދަމާގެ ހުކުރު ނަމާދު މިސްކިތުގައި ކުރިޔަށް ދާނެ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

މިސްކިތްތައްކަށް މިދިޔަ ހަފްތާގައި ދިން ޓެރެރިޒަމް ހަމަލާގައި ގެއްލުންތަކެއް ލިބުނު އަލް ނޫރު މިސްކިތް މިހާރުވަނީ، މަރާމާތުކޮށް، ކުލަ ލައި، ނަމާދު ކުރުމަށް ތައްޔާރު ކޮށްފައެވެ.

މިއަދު ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ވިދާޅުވެފައިވަނީ މާދަމާގެ ހުކުރު ނަމާދު އެޤައުމުގެ ޤައުމީ ޓީވީއިން ދުރަށް ދެއްކުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޝަހީދު މީހުންގެ ހަނދާނުގައި ސްކޫތެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.

އެޤައުމުގެ ފުލުހުން ބުނެފައިވަނީ ޖަމާއަތަށް ނަމާދަށް އަންނަ މީހުންނަށް ފުރިހަމަ ރައްކާތެރިކަން އެމީހުން ފޯރުކޮށްދޭނެ ކަމަށެވެ. މިހާރުވެސް ނިއުޒިލޭންޑްގެ ބައެެއް މިސްކިތްތަކުގައި ނަމާދު ވަގުތާ ދިމާކޮށް ހަތިޔާރު އެޅި ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ.

ކްރިސްޗާޗްގައި ހުކުރު ދުވަހު ދިން ހަމަލާ އަށް ފަހު ނިއުޒިލެންޑްގައި އިސްލާމްދީނާއި ބެހޭ މައުލޫމާތު ހޯދާ މީހުންނާއި މިސްކިތްތަކަށް ޒިޔާރަތް ކުރާ ޣައިރު މުސްލިމުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކްރިސްޗާޗްގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާގައި 50 މުސްލިމުން ޝަހީދުވިއެވެ. މިއީ ނިއުޒިލެންޑްގެ ތާރީޚްގައި ވެސް އެގައުމަށް ދިން އެންމެ ނުރައްކާތެރި ނިރުބުވެރި ހަމަލާއެވެ.