އިރާގުގެ މޮސުލްއިން ދަތުރުކުރި ފެރީއެއް ފެތި، އެތައް ބަޔަކު ގެނބިއްޖެއެވެ.

ބެލެވިފައިވާ ގޮތުގައި ފެރީ ފެތުމުގެ ހާދިސާގައި 70 އަށް ވުރެ ގިނަ މީހުން ވަނީ ފެތިގެން މަރުވެފައެވެ. ޓިގްރިސް ކޯރުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލް ހިސާބަކަށް ފެރީ ފެތިފައިވާ އިރު، އެ ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި މުޅިން ކަށަވަރެއް ނުވެއެވެ. ސަލާމަތީ ބާރުތަކުން ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މޫސަލް ޑޭމް، ހުޅުވާލާފައިވުމާއެކު މިއަދު އެ ކޯރުގެ ރާޅު ބޮޑުވާނެ ކަމަށް ކުރިންވެސް ވަނީ ސަމާލުކަށް ގެނެވިފައެވެ. ފެރީން 100 މީހުން ދަތުރުކުރި ކަމަށް މީޑިއާ ރިޕޯޓުތައް ފުރަތަމަ ބުނި ނަމަވެސް ފަހުން ރިޕޯޓްތައް ލިބުނު ގޮތުގައި ފެރީން ދަތުރު ކުރި މީހުންގެ އަދަދު އެއަށް ވުރެ ގިނަ ވާނެއެވެ.

ފެރީން ދަތުރު ކުރި 55 މީހުންނާއި 19 ކުޑަކުދިން ސަލާމަތް ކޮށްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ފެރީން ދަތުރު ކުރި ގިނަ މީހުންނަކީ އީރާނަށް ދިއުމަށްޓަކައި ދަތުރު ކުރި މީހުންނެވެ. އެއީ މިހަފްތާގައި ފާހަގަ ކުރާ އީރާނުގެ އާއަހަރުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އީރާނަށް ދާން އުޅުނު މީހުންނެވެ.