މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދާއި ދިމާކޮށް، ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ މިސްކިތްތަކަށް ދިން ހަމަލާގެ ސަބަބުން މިއަދު އެޤައުމުގައި ބޭއްވި ހުކުރު ނަމާދުގެ ޖަމާޢަތުގައި، ހަމަލާދިން އެއް މިސްކިތްކަމަށްވާ، އަލް ނޫރު މިސްކިތުގެ އިމާމް، “އަހަރެމެންގެ ހިތްތައް ފަޅައިގެން ގޮސްފި، އެކަމަކު އަހަރެމެން ފުޑު ފުޑެއް ނުވާ ކަމަށް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުތުބާގައި އޭނާ ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު އޭނާއަށް ނިރުބަވެރިންގެ ލޯތަކުން، ނަފުރަތު ފެނުނު ކަމަށެވެ. އަދި އެދުވަހު 50 މީހަކު ހަމަ މިތަނުގައި ޝަހީދުކޮށްލިއިރު، މިއަދު ފެނިގެން މިއަދަނީ ލޯތްބާއި އިޙްތިރާމް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަދުގެ ޚުތުބާގައި އޭނާ އިތުރަށް ވިދާޅުވީ، ޓެރެރިސްޓުންގެ މަޤްސަދަކީ، އުންމަތް ރޫޅާލުން ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.

“މިއަދު މިތަނުން ފެނިގެން މިދަނީ ލޯތްބާއި އަޅާލުން. ޓެރެރިސްޓުންގެ ފިކުރިއްޔާތު ޤާއިމެއް ނުވި. މިއަދު އަހަރެމެންގެ ހިތްތައްވަނީ ފަޅައިގެން ގޮސްފައި،. އެކަމަކު އަހެރެމެން ފުޑުފުޑެއް ނުވޭ. މުޅި އިސްލާމީ މުޖުތަމަޢުއާއި ނިއު ޒިލޭންޑް މިއަދު އެތިބީ އަހަރެމެންނާއިއެކު.” އޭނާ ވިދާޅުވުއެވެ.

މިއަދު ހުކުރު ނަމާދު ކުރިޔަށް ގޮސްފައިވަނީ އަލް ނޫރު މިސްކިތާއި މާދުރުނޫން ހިސާބެއްގައި އޮންނަ ޕާކެއްގައެވެ. މިއަދުގެ ނަމާދުގެ ކުރިން އެޤައުމުގެ ބޮޑު ވަޒީރުވަނީ އެތަނަށް ޖަމާވި މީހުންނާއި މުޚާތަބުކޮށްފައެވެ. މިއަދުގެ ޖަމާޢަތުގައި ގިނަ އަދަދެއްގެ ޣައިރު މުސްލިމުން ބައިވެރިވިއިރު، ޝަހީދުވި މީހުންގެ ހަދާނުގައި ވަނީ ސުކޫތެއްވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    މަރުޙަބާ ޝަޙީމް އަހަރެންވެސް އެކަމަށް ވަރަށް އުއްމީދުކުރިން މިކަމަކީ މިފަހަކަށް އައިސް އަޅުގަނޑުމެންނަށް ފެނުނު ބޮޑު ޢަޖައިބެއްފަދަކަމެއް ނިއުޒިލެންޑްގެ ރައްޔިތުންނަށާއި، ބޮޑުވަޒީރަށް ތެދުމަގު ދެއްކެވުމަށާއި، ނިއުޒިލެންޑަށް ހެޔޮގޮތްތައް މިންވަރުކުރައްވާށި . އާމިން

    27
    1