ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް މިދިޔަ ހަފްތާ ހުކުރު ދުވަހު ދިން ހަމަލާތަކުގައި 50 މުސްލިމުން ވަނީ ޝަހީދު ކޮށްލާފައެވެ. އެތައް ބަޔަކު ޒަހަމްވެފައިވާ އިރު، އެތައް އާއިލާއަކުން ދަނީ ކަރުނަ އަޅަމުންނެވެ.

ނިއު ޒިލޭންޑްގެ ބޮޑު ވަޒީރު ޖަސިންދާ އާދާންއާއެކު، އެގައުމުގެ ހުރިހާ ރައްޔިތުންވެސް އިސްލާމުންނާއެކު ތެދުވެ، މުސްލިމުންގެ ދިފާއުގައި ތިބި އިރު، އެގައުމުގެ ހުކުރު ނަމާދުވެސް، މިއަދު ވަނީ ގައުމީ ޓީވީން ރަސްމީކޮށް، ލައިވްކޮށްފައެވެ. މުސްލިމުންގެ ރިވެތި އުސޫލާ، ކެތްތެރިކަން މުޅި ދުނިޔެއަށް ދައްކާލާފައެވެ.

ޝަހީދުވި ޝަހީދުންގެ ހަށިތައް ފަސްދާނު ލަމުންދާ އިރު، މިއަދު ވަނީ 26 މީހެއްގެ ހަށިގަނޑު ވަޅުލާފައެވެ. އޭގެ ތެރޭގައި އެ ހާދިސާގައި ޝަހީދުވި އެންމެ ތުއްތު ކުއްޖާ، މުކާޑު އިބްރާހީމްވެސް ހިމެނެއެވެ. ކުޑަކުޑަ ސަންދޯކުގައި މުކާޑުގެ ހަށިގަނޑު ވަޅުލުމަށް ގެންގޮސްފައިވާ އިރު، މުޅި ތަނަށް އެއްވެ ތިބި އެންމެންގެ ލޮލުންވެސް އޮހޮރެމުންދިޔައި ހިފެހެއްޓުމެއް ނެތް ކަރުނައެވެ.

ސޯމާލިއާއަސް އުފަން މުކާޑުގެ ސަންދޯއް، ވަޅު ތެރެއަށް ފަސްދާނު ލެވުނީ އޭނާގެ އާއިލާއަށް ނިސްބަތްވާ އެންމެންގެ ގޮނޑުމަތިން ގޮހެވެ. އެ މަންޒަރު ވެގެންދިޔައީ އަސަރުން ފުރިގެންވާ މަންޒަރަކަށެވެ. ޝަހީދުން ވަޅުލި އިމާމަށްވެސް ކެތް ނުކުރެވުނު، އަސަރުން ފުރިގެންވާ މަންޒަރަށެވެ.