ނިއުޒިލެންޑްގެ ކްރިސްޗާޗް މިސްކިތައް މިދިޔަ ހުކުރު ދުވަހު ދިން ނިރުބުވެރި ހަމަލާއަށް އެއް ހަފްތާއެއްފަހުން އެ ހަމަލާއިން ސަލާމަތްވި ބަންގްލަދޭޝް ޒުވާނަކު ކައިވެނިކޮށްފިއެވެ.

ބަޑީގެ ހަމަލާތައް ދެމުން ދިޔަ ވަގުތު، މެހެދީ ހަސަން ނަމަކަށް ކިޔާ މި ޒުވާނާ އާއި އިތުރު 16 މީހަކު ދިޔައީ އެ މިސްކިތާއި ދިމާލަށް ދަތުރު ކުރަމުންނެވެ. އެ 17 މީހުންނަކީ ބަންގްލަދޭޝްގެ ކްރިކެޓް ޓީމްގައި ހިމެނޭ ބައެކެވެ. އެ މީހުންގެ ހަމަލޮލުން އެ ހަމަލާތައް ދެމުން ދިޔަ މަންޒަރުތައް ފެނުނު ކަމަށް އެ ޓީމްގެ މެނޭޖަރު ވަނީ ބުނެފައެވެ.

އަދި އެ މިސްކިތަށް ކުޑަވަގުތުކޮޅެއް ފަހުން ދެވުނު ނަމަ އެ ޓީމްގެ މެންބަރުންވެސް އެ ނުބައި މީހުންގެ އަތްދަށު ލެވި މަރުވާނެ ކަމަށްވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެ ޓީމްގެ މީހުން ވަނީ ސަލާމަތްވެފައެވެ.

މެހެދީގެ ކައިވެނި ކުރެވިގެން މި ދިޔައީ އެ ހާދިސާ ހިނގިތާ ހަފްތާއެއް ފަހުންނެވެ. އޭނާ ކައިވެނިކޮށްފައި ވަނީ ޒަމާންވީ ލޯބިވެރިޔާއާ ކަމަށް ވެއެވެ.

މިދިޔަ ހުކުރު ދުވަހު ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 50 މީހަކު ޝަހީދުވިއެވެ.