ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސެންޑާ އާޑެންއަކީ ދުނިޔޭގެ ހުރިހާ ލީޑަރުންނަށް ހުރި ނަމޫނާއެއް ކަމަށް ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އޯގަނައިޒޭޝަން ފޯރ އިސްމާމިކް ކޯޕަރޭޝަންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، މިހަމަލާތަކާ ދެކޮޅަށް ނިއުޒިލޭންޑް، ޚާއްސަކޮށް އެޤައުމުގެ ބޮޑު ވަޒީރު ކުރައްވާ މަސައްކަތްޕުޅަކީ ތަޢުރީފް ހައްޤު މަސައްކަތްޕުޅެއް ކަމަށެވެ.

“ނިއުޒިލޭންޑަށް ދިން ހަމަލާއަށްފަހު ދެން ފެނިގެން ދިޔަ މަންޒަރަކީ ދުނިޔެއަށް ނަމޫނާއެއް. ބޮޑު ވަޒީރު ދެއްކެވީ ދުނިޔޭގެ ހުރިހާ ލީޑަރުންނަށް ނަމޫނާއެއް.” އޭނާ ވިދާޅުވިއެވެ.

އުރުދުޣާންގެ ވާހަކަފުޅުގައި އޭނާ ވިދާޅުވެފައިވަނީ، މިއަދު ތުރުކީއާއި މުޅި އިސްލާމީ އުންމަތް ނިއުޒިލޭންޑްގެ ރައްޔިތުންނަށް ޝުކުރުވެރިވާ ކަމަށެވެ.

ނިއުޒީލެންޑުގެ ދެ މިސްކިތަކަށް ދެވުނު ހަމަލާއަކީ މުސްލިމުންނަށް އަމާޒުކޮށް ދެވުނު މިފަދަ ފުރަތަމަ ހަމަލާ ނޫން ކަމަށާއި އަދި މިއީ މިފަދަ ގޮތަކަށް ދެވޭނެ އެންމެފަހު ހަމަލާ ނޫންކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

މީގެ އިތުރުން މިހަމަލާ ދިން ފަރާތްތަށް ދެވޭ އަދަބު ވެގެންދާނީ، މުސްތަޤްބަލުގައި މިފަދަ ހަމަލާތައް ތަކުރާރު ނުވުމަށް އެޅޭނެ ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ނިއުޒިލޭންޑްގެ ކްރިސްޗާޗްގައި ހުރި ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާގައި ޖުމްލަ 50 މީހުންވަނީ ޝަހީދުވެފައެވެ