ގާނާގައި ކޮމާޝިއަލް ދެ ބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ސީއެންއެންގައި ބުނެފައިވާގޮތުގައި، ދެ ބަސް ޖެހިގެން ހިނގި އެކްސިޑެންޓްގައި ދެ ބަހުގައިވެސް ވަނީ އަލިފާން ރޯވެފައެވެ. އަދި މި ހާދިސާގައި މަދުވެގެން 50 މީހުން މަރުވެފައިވާކަމަށް ބުނެފައި ވެއެވެ.

މިއަދު މި ހާދިސާ ހިނގާފައި ވަނީ ގާނާގެ ހަތަރު ވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ ކިންޓަމްޕޯއިން ޓަމަލޭއަށް ދާ ހައިވޭގައެވެ. ޖެހިފައި ވަނީ ދިގު ދަތުރު ކުރަމުންދާ ދެ ބަހެވެ.

"މަރުވި މީހުންގެ އަދަދު ބުނަން އަދި މާ އަވަސް. މަދުވެގެން 50މީހުން ވަނީ މަރުވެފައި". ގާނާގެ ފުލުހުންގެ ސްޕޯކްސް ޕާސަން ބުންޏެވެ.

އޭނާ ބުނީ، އެ ބަސްތަކުގައި 100 އެއްހާ މީހުން ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވީ ހަށިގަނޑުގައި ރޯވެގެންނެވެ. އަދި އެތައް ބަޔަކު ޒަހަމްވިއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ބުނެފައި ވެއެވެ.

މި ހާދިސާގައި ގެއްލުންވި މީހުންނާއި، މަރުވި މީހުންގެ އާއިލާތަކަށް އެކަން ދަނީ އަންގަމުންނެވެ. އެހެން ނަމަވެސް ބައެއް މީހުން އަދި ދެނެގަނެވިފައިނުވެއެވެ.

އެ ހާދިސާގައި އަނިޔާވި މީހުންނަށް ދަނީ ދެ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ.