މިދިޔަ ހަފްތާގެ ހުކުރު ދުވަހު ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެމިސްކިތަކަށް ހަމަލާދީ 50 މުސްލިމުން ޝަހީދުކޮށް ގާތިލް ދެން އުމުރު ދުވަހު އޮންނަން ޖެހޭނީ ޖަލުގެ އެކަހެރި ގޮޅިއެއްގައި ކަމަށް ނިއުޒިލެންޑްގެ ޑެޕިއުޓީ ބޮޑުވަޒީރު ވިސްޓޮން ޕީޓާ ވިދާޅުވެއްޖެއެވެ.

ޕީޓާ މިހެން ވިދާޅުވީ ހަރުކަށި ޚިޔާލުތައް ފެތުރުމާއި ދެކޮޅަށް ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ (އޯއައިސީ) އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޓާ ވިދާޅުވީ މިސްކިތްތަކަށް ހަމަލާދިން ނިރުބުވެރިޔާ އަށް ޤާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބުދީ، އަނިޔާ ލިބުނު އާއިލާތަކަށް ނިއުޒިލެންޑް ސަރުކާރުން އިންސާފު ހޯދައިދޭނެ ކަމަށެވެ.

57 އިސްލާމީ ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ ދީނީ ގޮތުން ހަރުކަށި ހިޔާލުތައް ނައްތާލުމަށް ހުރިހާ ގައުމަކުން ވެސް ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލާފައެވެ. އަދި އިސްލާމްދީނާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނާއި އެކުވެރިކަމާއި އެކު ކުރިމަތިލުމުގެ ދުވަހުގެ ގޮތުގައި މާޗް މަހުގެ 15 ވަނަ ދުވަަސް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރުމަށް ވެސް އޯއައިސީން ވަނީ ގޮވާލާފައެވެ.

ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން ވަނީ ކްރިސްޗާޗްގައި ދިން ހަމަލާތަކަށް ފަހު ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން ކަންތައް ކުރައްވަމުން ގެންދަވާ ގޮތް ދުނިޔޭގެ ހުރިހާ ލީޑަރުން މިސާލެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް މިއަދު ވިދާޅުވެފައެވެ.

އުރުދޮގާން ވަނީ ރެފިއުޖީންނާއި ދެކޮޅު ޚިޔާލުތައް ފާޅުކުރާ ފަރާތްތައް ހުއްޓުވާ އެމީހުންނާއި މެދު ފިޔަވަޅު އެޅުމަށް ވެސް މިއަދު ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދ

    ކުޑަ ގޮޅި އަކަށް ނޫން ލާންވީ. މަރަށް މަރު ހިފަން ވީ. އޭރުން ޝަހީދުވި މުސްލިމުނަށް އިންސާފު ލިބޭނީ

    1
    1
  2. ޣގޔ

    ނާހަމަ ތެދެއް؟ ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ތިޔާހެން ބުނިތަ އޭނާ؟

    2
    1
  3. މީހާ

    އެކީއްވެ އޭނަގެ މޫނު ބްލަރ ކޮށްފަ އެހެރީ