ސައުދި އަރަބިއްޔާ ދިޔައީ އިޤްތިޞާދީ އަޑިގަނޑަކަށް ވެއްޓެމުންކަމަށާއި މިހާރު އެއަޑިގަނޑުން ސަލާމަތްވުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ސީބީއެސް ނިއުސްގެ "60 މިނިޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ ސައުދީ އަރަބިއްޔާ ދިޔައީ ހަމައެކަނި ތެލަށް ބަރޯސާވެ، ބޮޑު އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުންކަމަށާއި، އެހެންނަމަވެސް މިހާރު އެކަން ބަދަލު ކުރުމަށް ސައުދި އަރަބިއްޔާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މުޅި ޤައުމުގެ އާބާދީއަށް ސައުދީން ދަނީ އެހީވަމުން. ކިޔެވުމުގެ ޚަރަދާއި ބޭސްފަރުވާއާއި ދިރިއުޅުމުގައި ބޭނުންވާނެ ހުރިހާކަމަކަށް ސައުދީން މިދަނީ އެހީވަމުން. އެއީ އެއްވެސް ޓެކްސްއެއް ނެގުމަކާ ނުލާ. ސައުދީ އަޑި އަޅާލާފައި އޮތީ ބޮޑު އިޤްތިޞާދީ އަނދަވަޅަކަށް." ސައުދީގެ ވަލީ އަޙްދު ވިދާޅުވިއެވެ.

ސައުދީން ތެލަށް ބަރޯސާވުން ކުޑަ ކުރުމަށްވަނީ ބޮޑެތި ޕުލޭންތަކެއްކޮށްފައެވެ. މީގެ ދެ އަހަރު ކުރިން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ އިގްތިސާދީ އިސްލާހީ ޕްރޮގްރާމެއް ވިޝަން 2030 ގެ ނަމުގައި އިފްތިތާޙްކޮށްފައެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ދާއިރާތަކަށް ހުޅުވާލުމެވެ. އެ ގޮތުން ސައުދީން މިހާރު ވަނީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ފަށަން ނިންމައިފަ އެވެ. އަދި މުނިފޫހި ފިލުވުމުގެ ދާއިރާއިންވެސް އިޤްތިޞާދީ މަންފާ ލިބިގަތުމަށްޓަކައި ސައުދީން ވަނީ ސައުދީގެ އެކި ހިސާބުތަކުގައި ސިނަމާތަކެއް ވެސް ޤާއިމްކޮށްފައެވެ.

ސައުދީން މިހާރު ވަނީ ވަރަށް ގިނަ ދޫތައް ދޭން ފަށާފައިކަން ވެސް ފާހަގަ ކުރެވެއެވެ. މި ގޮތުން މިދިޔަ މަހު ވަނީ އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިވަރުތައް ބެލުމުގެ ހުއްދަ ދީފަ އެވެ. އަދި މި އަހަރުގެ ޖޫން މަހުން ފެށިގެން ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި އަންހެނުންނަށް އަސްކަރިއްޔާއިން ޖާގަ ދިނުންފަދަ އެތަށް ދޫތަކެއް ސައުދީން ދަނީ ދެމުންނެވެ. މިކަމަށް އަލިއަޅުވާލާ ސައުދީގެ ވަލީ އަހުދު ވިދާޅުވީ، ސައުދީގައި އޮތް ހަރުކަށި ގޮތްތައް ފިލުވާލުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ސައުދި އަރަބިއްޔާގައި މިހާރު ކަންހިގަމުންދަނީ ދީނުގައި އޮތްވަރަށްވުރެ ބުރަކޮށްކަމަށެވެ.

ސައުދީ ވަލީ އަހުދުގެ މަގާމަށް މިދިޔަ އަހަރުގެ ޖޫން މަހު މުހައްމަދު ބިން ސަލްމާން ވަޑައިގެންނެވި ފަހުން ސައުދީ އަރަބިއްޔާއަށް ދަނީ ބޮޑެތި އިސްލާހީ އަދި އިންޤިލާބީ ބަދަލުތަކެއް އަންނަ މުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކުރުބެ

    އަންހެނުންނަށް ބޭނުން ގޮތަކަށް އުޅެގެން އިޤްތިޞާދު ރަނގަޅުވާނަމަ ރާއްޖެ ވަރުގެ މުއްސަނދި ޤައުމެއް ނޯއްނާނެ

    • ޕޮޕޮ

      ކަލޭ އަންހެނުން ދެކެ ކޮން ރުޅިއެއް ތިއަންނަނީ

  2. ސާހިބު

    މީހަމަ ވަރަށް ބަރާބަރު ރައީސެއް ހުރިހާކމެއްގައި އިންސާނުން މިނިވަންކަންދިިނުމަކީ ރނގަޅުކަމެއް މީކީ ވަލުޖަނާވާރުން ނޫންވިއްޔާ