ނިއު ޒިލޭންޑްގެ ތާރީޚްގެ އެންމެ ކަޅު ދުވަސް ކަމުގައިވާ، ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން ޝަހީދުކޮށްލި ހާދިސާ އަށްފަހު، ނިއު ޒިލޭންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ކަންތައްތައް ކުރައްވަމުން އަންނަ ގޮތުން ގިނަ ބައެއްގެ ތަޢުރީފް އެކަމަނާއަށް ދަނީ އޮހެމުންނެވެ. ޚާއްސަކޮށް މުސްލިމުންގެ ގިނަ ބަޔަކު އެކަމަނާއަށް ދަނީ ތަޢުރީފް ކުރަމުންނެވެ.

ދެ މިސްކިތަށް ހަމަލާދީ 50 މީހުން މަރާލިތާ މާގިނައިރެއް ނުވެ އާޑާން ވަނީ ކްރައިސްޗާޗް އަވަށަށް ވަޑައިގެންފަ އެވެ. އަދި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާތަކާއެކު ވަގުތު ހޭދަ ކުރައްވާފައެވެ. އެތަނަށް ދިޔަ ވަގުތު އޭނާ ދިޔައީ ބުރުގާ ތުރުކުރައްވައިގެންނެވެ.

ހަމަލާއަށްފަހު ފުރަތަމަ ބޭއްވި ޤާނޫން ހަދާ މަޖިލީހުގައި ތަޤްރީރް ކުރައްވަމުން އޭނާގެ ވާހަކަފުޅު ފެއްޓެވީ އިސްލާމީ ރިވެތި ސަލާމުންނެވެ. އަދި މަޖިލިސް ފެއްޓެވީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އެދުވަހުގެ ވާހަކަފުޅުގައި، އެކަމަނާ، އެ ހަމަލާ ސިފަ ކުރައްވާފައިވަނީ ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. އަދި ޓެރެރިސްޓް މީހާއަށް އެޤައުމުން ފުރުސަތު ނެތް ކަމަށާއި އޭނާގެ ނަމުން މުޚާތަބު ނުކުރުމަށްވެސް ބޮޑުވަޒީރުވަނީ ގޮވާލާފައެވެ.

އޭގެ ފަހުން ބޮޑުވަޒީރު ނިންމެވީ، ހުކުުރު ދުވަހުގެ ހުކުރު ނަމާދު،ނިއު ޒިލޭންޑްގެ ޤައުމީ ޓީވީއިން ދުރަށް ދެއްކުމަށެވެ. އިއްޔެގެ ހުކުރު ނަމާދު ޤައުމީ ޓީވީ އިން ލައިވް ކުރިއިރު، އިއްޔެގެ ނަމާދުގެ ކުރިން އެކަމަނާ ވަނީ އެތަނަށް އެއްވެ ތިބި މީހުންނާ ބައްދަލު ކުރައްވާފައެވެ. އޭނާގެ ވާހަކަފުޅު ފަށާފައިވަނީ ރަސޫލާގެ ހަދީޘްއަކުންނެވެ.

މިފަދަ އެތައް ކަމަކާއި، ގުޅިގެން ގިނަ ބައެއްގެ ހިތްތަކުގައި އެކަމަނާއަށް އޮންނަ ލޯބިވަނީ އިތުުރުވެފައެވެ.