ހަމަ އެންމެ ފޮޓޯއެކެވެ. އަސަރުންފުރުގެންވާ ހަމަ އެންމެ މަންޒަރެކެވެ. އެމަންޒަރުން ފެންނަނީ ސީރިއާގެ މުސްލިމު ތުއްތު ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ފަހަތުގައި ވަނީ ސުންނާފަތިވެފައިވާ ގެދޮރެވެ. ދެން ފެނިގެންދަނީ ޝަހީދުވެފައިވާ އެކުއްޖާގެ މަންމައާއި ކޮންކޮމެން އެކުލެވޭ ގޮތަށް ކުރެހުންތެރިޔަކު ކުރަހާފައިވާ މަންޒަރެކެވެ. ވަރަށް ވެސް މާނަފުން ކުރެހުމެކެވެ.

އެކުރެހުމުން އެރަމްޒު ކޮށްދެނީ ސީރިއާގެ ކުޑަކުދިންގެ ހާލެވެ. އެކުދިންގެ އުންމީދުތަށް ވެއްޔާ މޮޑެވިފައިވާ ތަނެވެ. އެކުދިންގެ ހުވަފެންތަކުގައި ބަޔަކު ކަސްތޮޅު އަޅުވާފައިވާ މަންޒަރެވެ.

އާދެ، އެއީ ސީރިއާގެ މުސްލިމުން ދިރިއުޅޭ ހާލުގެ ވާހަކައެވެ. ކޮންމެ ދުވަހަކު އެތަކެއް މުސްލިމުންނެއް އެ ތަނުގައި މަރާލެވޭއިރު ބިކަވެގެން އެދަނީ ކިތަށް އާއިލާތޯއެވެ. ލޯކުރިމަތީގައި މައިންބަފައިން މަރާލެވޭއިރު އެވާ ދެރަ ނިކަން އިހްސާސް ކޮށްލަބަލާށެވެ. ބަލާނެ މީހަކު ނެތި އެކަނިމާއެކަނި އުޅެން ޖެހުމުން ވާނެ ދެރަ ނިކަން ތަސައްވަރުކޮށްލަބަލާށެވެ.

ސީރިއާގައި މުސްލިމުންނާއި ދެކޮޅަށް އެގެންދާ ލާއިންސާނީ އަމަލުތަކަކީ ކުރަހާލެވޭ މަންޒަރަކުން ސިފަކޮށްލެވޭ ވަރަށް ވުރެއް ބިރުވެރި އަދި ވޭންދެނިވި ކަންތަށްތަކެވެ. ކިރުބޯން އޮންނަ ތުއްތު ކުއްޖާ މައިންނާ ވަކިކޮށް، އަންހެނުން ރޭޕްކޮށް، ކުޑަކުދިން މަރަމުން ގެންދާއިރު އެއީ ފިލްމެއްގެ މަންޒަރެއް ނޫނެވެ.

އެއީ އަޅުގަނޑުމެން ފަދަ މުސްލިމު ބަޔަކަށް ދުނިޔޭގެ ބައެއް ގައުމުތަށް އަޑީގައި ތިބެގެން ދޭ އަނިޔާއެވެ. އެ އަނިޔާ ރައްދުވަނީ ހަމަ އެކަނި ސީރިއާގެ މުސްލިމު އަހުންނާއި އުޙްތުންނަކަށް ނޫނެވެ. އެއީ މުޅި އިސްލާމީ އުންމަތަށް ދެވޭ އަނިޔާއެވެ. އެއަނިޔާއިން ބަރީޢަވުމަށް އިސްލާމީ ގައުމުތަކުން ނުކުންނަށް ޖެހޭ ވަގުތު މިވަނީ ބޯމަތިވެފައެވެ. މުސްލިމުން ނިކަމެތިވެގެންދާތަން ބަލަން ނުތިބެ އަނިޔާއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އަޅަމާތޯއެވެ.