ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި، ލާއިންސާނީ ހަމަލާގެ އަސަރު އަދިވެސް އެތައް އާއިލާއެއްގައި އެބަހުއްޓެވެ. 50 މުސްލިމުން ޝަހީދު ކޮށްލި އެ ހާދިސާގައި އެތައް އަނބިންނެއް ހުވަފަތްވެ ދިޔަ އިރު، އެތައް ދަރިންނެއް ޔަތީމުވެ ދިޔައެވެ. ނިރުބަވެރިޔާގެ ހަމަލާތަކުގެ ބިރުވެރިކަން ކްރިސްޓްޗާޗުގައި ދިރިއުޅޭ އެތައް ބައެއްގެ ހިތުގައި އެބަވެއެވެ.

އެ ހާދިސާގައި ދަރިފުޅު ގެއްލުނު އެކަކީ ފަލަސްތީނުގެ އުމުރުން 65 އަހަރުގެ ހައިސަން އަދުވާނެވެ. އޭނާ ފަލަސްތީނުގައި ދިރިއުޅެމުންދިޔަ އިރު، 38 އަހަރުގެ ފިރިހެން ދަރިފުޅު، ކެމެލް ދާވިޝް، ބަޑި ޖެހުމުގައި ހާދިސާގައި ޝަހީދުވި ހަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. ދާވިޝް ނިއު ޒިލޭންޑަށް ދިޔައީ އޭނާގެ ބޭބެއާއެކު ދިރިއުޅުމަށެވެ. އޭނާގެ އަންހެނުންނާއި ދަރިންނަށްވެސް މިހާރު އޮތީ ވިސާއަށް ލާފައެވެ.

އެ އާއިލާގެ ރަހުމަތްތެރިއެއް ކަމަށްވާ ޔާސިރު މުހައްމަދު ބުނެފައިވާ ގޮތުގައި ދަރިފުޅު ޝަހީދުވި ހަބަރާއެކު އަދުވާންގެ ހިތް ފަޅައިގެން ދިޔައެވެ. އަދި މިއަދު އޮތް ޖަނާޒާއަށް ދަތުރުވެސް ފެށިއެވެ. އެހެން ނަމަވެސް ލިބުނު ހިތް ދަތިކަމަށް ކެތް ނުކުރެވިގެން، ނިއު ޒިލޭންޑްގައި ހުއްޓާ އޭނާއަށް ވަނީ ހާޓް އެޓޭކެއް ޖެހި ނިޔާވެފައެވެ.

ނިއު ޒިލޭންޑްގައި އެ ދެމީހުންގެ ހަށިގަނޑުވެސް މިހާރު އޮތް އިރު، ވަރަށް އަވަހަށް ޖޯޑަންއަށް ދެ މީހުންގެ ހަށިގަނޑުވެސް ގެންދާނެ ކަމަށް ބެެލެވެއެވެ.