ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަކަށް ދިން ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން ހަތަރު މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް ނިއުޒިލެންޑްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރަސްމީ އިދާރާތަކާއި ހަވާލާދީ ނިއުޒިލެންޑްގެ މީޑިއާތަކުން ބުނާ ގޮތުގައި މިސްކިތައް ދިން ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް މިހާރު ވެސް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ހަތަރު މީހުންގެ ހާލު ވެސް "ކްރިޓިކަލް" ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކްރިސްޗާޗްގެ ދެ މިސްކިތައް ދިން ހަމަލާގައި 50 މީހުން ޝަހީދުވިއެވެ. އެހަމަލާގައި ޒަހަމްވެގެން 48 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. ނަމަވެސް މިހާރު އޭގެތެރެއިން ގިނަ މީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 24 މީހަކަށެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

ޒަަހަމްވި މީހުންގެ އިތުރުން، އެވަގުތު މިސްކިތްތަކުގައި ތިބި މީހުންނަށް ވަނީ ނަފްސާނީ މައްސަލަތަކާއި ވެސް ކުރިމަތިވެފައެވެ. މީގެ ކުރިން އެފަދަ ހަމަލާއެއް ތަޖުރިބާ ކުރަން ޖެހިފައި ނުވާ މީހުންނަށް ފެނުނު ބިރުވެރި މަންޒަރުތަކުގެ ސަބަބުން ގިނަ މީހުންނަށް ރަނގަޅަށް ނުނިދި، ނިދިން މަހްރޫމް ވެފައިވާ ކަމަށް އެމީހުން މީޑިއާގައި ބުނެފައިވެއެވެ.

މިސްކިތްތަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާތަކާއި، ޒަހަމްވި މީހުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް މިހާރު ވަނީ ހަތް މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެއް ލިބިފައެވެ. ފަންޑުގެ ފައިސާ އާއިލާތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.