އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި އޭނާއަކީ ކުށްތަކަށް އެންމެ ހަރުކަށިކޮށް އަދަބު ދޭނެ ރައީސްކަމުގައި އަމިއްލައަށް އިއުލާންކޮށްފައެވެ. ޓްރަމްޕް އާއި ވާދަކުރި ހިލަރީ ކްލިންޓަން ހޮވިއްޖެ ނަމަ އެފަދަ ކަމެއް ނުފެންނާނޭކަމަށްވެސް ޑޮނަލްޑް ޓްރަމްޕް ވަނީ ސަޕޯޓަރުން ހިތްހަމަޖައްސައިދިނުމަށް އޭރު ބުނެފައެވެ.

އެހެންނަމަވެސް އެފަދަ ކަމެއްގެ މިސާލު އެންމެ ފުރަތަމަ ފަހަރަށްވެސް ޓްރަމްޕްގެ ރިޔާސަތުގައި ފެނިގެންދިޔައީ ވެރިކަމަށް އައިފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވި ފަހުންނެވެ. އެމެރިކާގެ ނިއު ހޭމްޕްޝަޔާރގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އެމެރިކާއަށް ކުރިމަތިވެފައިވާ އޮޕިއޮއިޑްގެ މައްސަލަޔަށް ހައްލެއް ހޯދުމަށް ގާނޫނަށް ބަދަލު ގެނެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގަސްދުކުރާކަމަށް ބުނެފައެވެ.

އެ ވާހަކަތަކާއިއެކު އެންމެ ފުރަތަމަވެސް ގިނަ ބައެއްގެ ހިތަށްއަންނާނީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ މަތިންނެވެ.

ޑުޓާޓޭ ވެސް އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް މެރުމަށް އޭނާގެ ސިފައިންނަށް އަމުރުކުރެއްވި ރައީސްއެކެވެ. އެފަދަ އަމުރަކުން އެތައް މައްސަލަތަކެއް އުފެދިގެން އައި އިރު އެމެރިކާއަކީ ފިލިޕީންސްއަށްވުރެ އާބާދީގެ ގޮތުން އެތައް ގުނަ ބޮޑު ގައުމެކެވެ. އެމެރިކާގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 2.4 މިލިއަން މީހުން އުޅޭކަމަށް ވަނީ ލަފާކުރެވިފައެވެ.

އެހެންނަމަވެސް ޓްރަމްޕް ހުރީ އެގޮތަށް މަރުގެ އަދަބު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ދިނުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އެގޮތަށް އަދަބު ނުދެވިދާ ކޮންމެ ފަހަރަކީވެސް ބޭކާރުވެގެންދާ ވަގުތުތަކެއްކަމަށް ރައީސް ޓްރަމްޕް ވަނީ ސިފަ ކޮށްފައެވެ. ފާހަގަކޮށްލެވޭކަމަކީ އެމެރިކާގައި މަރުގެ އަދަބު ދިނުމަކީ އެކަމަކާއި ގިނަ ބަޔަކު ދެކޮޅު ހަދާކަމެއް ކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެ މީހާ

    ނިކަން އަނގަފުޅާކޮއްފަ ދެން ލާދީނީ ޝާހިދުމެން ނިކަން ކުއްވެރި ކޮއްދަ ބުނެބަލަ އެއްޗެކޭ

  2. އަބޫ

    ފިލިޕީންސް ރައީސް އެގޮތަށް އަމަލު ކުރައްވާތީ އެމެރިކާ އިސްވެ އޮވެ ކުރި ދުއްތުރާ އަށް ނިމުމެއް އައީ. ކަމަށް ބެލެވިދާނެ.

  3. ކަނބިލި

    . ޜާއްޖޭގަ ކޮންޓީނާއިން މަސްތުވާތަކެތި ވިއްކާ މީހަކު އަތުލިޔަސް ކޯޓައްގެންދާއިރަށް ދުވަހަކުވެސް ހެކި ފެންނަ ކަމަކަށް ނުވާނެ ކޯޓައްވަނުމާއެތްކޮށް އެ ދޫވީ ދޫވާނެތާ އަދިކިރިޔާ މިއެނގުނީ އެތަންތަނުގަ ތިބި ގާޒީންގެ ފެންވަރު ރުފިޔާ ކޮޅެއް ފެންވަރަށް ވާވަރު ކިހިނެތް މިގައުމު ރަނގަޅުވާނީ