ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ މިސްކިތަކަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ އަންހެނެއްގެ ހަށިގަނޑު ގައުމަށް ގެނެސްފިއެވެ.

އުމުރުން 25 އަހަރުގެ އަންސީ އަލީ ބަވާ އަކީ މާޗް 15 ވަނަ ދުވަހު ދިން ހަމަލާގައި ޝަހީދުވި 5 އިންޑިއާ ރައްޔިތުންގެތެރޭގައި ހިމެނޭ މީހެކެވެ.

ޝަހީދުވި މީހުންގެ ތެރޭގައި އިންޑިއާގެ ފަސް ރައްޔިތުން ހިމެނުނު ނަމަވެސް އިސްލާމިކް އިންފޮމޭޝަންއިން ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން، އިންޑިއާގެ އެތައް ބަޔަކު ދަނީ އެ ހަމަލާއާ ގުޅިގެން އުފާފާޅު ކުރަމުންނެވެ.

ނިރުބަވެރި ހަމަލާގައި މިސްކިތު އެރެއަށް އެތައް ބައެއްގެ ލޭ އޮހޮރުވާލި ނަމަވެސް މިހާރު ވަނީ މިސްކިތް އަލުން ހުޅުވާފައެވެ. ހަމަލާއަށްފަހު މިސްކިތް ހުޅުވީ ކުޑަ ދޮރުތަކާއި، ކާޕެޓްތައް ބަދަލުކޮށް، މުޅި ތަނުގައި ކުލަވެސް ލުމަށްފަހުއެވެ. ހަމަލާގައި ޝަހީދުވި ގިނަ ބަޔަކު ހުކުރު ދުވަހު ވަނީ ފަސްދާނުލާފައެވެ.

މުސްލިމުންގެ 50 މީހުން ޝަހީދު ކޮށްލުމަށް، މިމަހު 15 ވަނަ ދުވަހު ނިއު ޒިލޭންޑްގެ ކްރައިސްޓް ޗާޗު ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން އެކަމުގެ ހިތާމައިގައި މުޅި ދުނިޔެ ދަނީ ބައިވެރިވަމުންނެވެ.

މުސްލިމުން ނޫނަސް، އެހެން ދީންތަކުގެ ބަޔަކުވެސް އެ ލާއިންސާނީ ހަމަލާތަކަށް ހިތާމަ ފާޅުކުރަމުންދާ އިރު، ގާތް ގަނޑަކަށް ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް އަންނަނީ ނިއު ޒިލޭންޑްގެ މުސްލިމުންނާ އެކުގައި ތިބިކަން ހާމަކުރަމުންނެވެ.

މިސްކިތްތަކަށް ދިން ހަމަލާގައި މިހާރު އޮސްޓްރޭލިޔާ މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވާއިރު، މިސްކިތަށް ހަމަލާ ދެމުން ދިޔައިރު ފޭސްބުކް މެދުވެރިކޮށް އޭނާވަނީ މި މަންޒަރުތަށް ލައިވް ކޮށްފައެވެ.