ދާދި ފަހުން ނިއުޒިލޭންޑުގެ ކްރިސްޓްޗާޗް ސިޓީގެ މިސްކިތެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގެ ވާހަކަތަކެއް ހިމެނޭގޮތަށް ދީފައިވާ އިންޒާރުގެ މެސެޖަކާއެކު، އެމެރިކާގެ ދެކުނު ކެލިފޯނިއާގެ މިސްކިތެއްގައި ރޯކޮށް އަންދާލުމަށް ބަޔަކު މަސައްކަތްކޮށްފިއެވެ.

ހޮނިހިރު ދުވަހު ދަންވަރުގެ ވަގުތެއްގައި އެ މިސްކތް ރޯކޮށްލުމަށް މަސައްކަތްކޮށްފައިވަނީ މިސްކިތުގެ ކުޑަދޮރެއްގައި ރޯކޮށްލައިގެންނެވެ. މި ހާދިސާ ހިނގި ވަގުތު މިސްކިތުގައި ހަތް މީހަކު ނަމާދު ކުރަން ތިބިނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މި ހާދިސާގައި މިސްކިތަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާ ހިނގިތާ މާގިނައިރެއް ނުވެ މިސްކިތުގެ އެތެރޭގައި ތިބި މީހުން ނިކުމެ، ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު އޮފިޝަލުން ވަނީ ސަރަޙައްދު ބަންދުކޮށް ބަލައި ފާސްކޮށްފައެވެ. އެހެން ނަމަވެސް މި އަމަލު ހިންގަން އުޅުނު މީހާ ވަނީ މިސްކިތުގައި އަލިފާން ރޯކޮށްލުމަށްފަހު ފިލާފައެވެ. މި ހާދިސާއަށްފަހު އެ ސަރަޙައްދުގައި ހުރި ޕާކިންލޮޓެއްގެ ތެރެއިން ވަނީ އިންޒާރުގެ ނޯޓެއް ފެނިފައެވެ.

އެ ނޯޓުގައި ވަނީ، އެ ހަމަލާއަކީ ނިއުޒިލޭންޑުގައި ދާދިފަހުން މިސްކިތަކަށް ދިން ހަމަލާއާއި ގުޅޭ ހަމަލާއެއްކަން ދޭހަވާފަދަ އިންޒާރުތަކެއް ދީފައެވެ. އަދި ނިއުޒިލޭންޑުގައި ހަމަލާދިން މިސްކިތުގެ ފޮޓޯއެއްވެސް އެ ނޯޓުގައި ހިމަނާފައި ވެއެވެ. އެހެން ނަމަވެސް އޭގައި އިތުރަށް ލިޔެފައި ވަނީ ކޮން ވާހަކަތަކެއް ކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރޯކޮށްލަން އުޅުނު މިސްކިތަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އަޅާފައިވާ މިސްކިތެކެވެ. އެއްފަހަރާއި އެތައް ސަތޭކަ ބަޔަކަށް ނަމާދު ކުރެވޭގޮތަށް އަޅާފައިވާ މި މިސްކިތަކީ ގިނަ ޢަދަދެއްގެ ބަޔަކު ނަމާދުކުރަން ގޮސް އުޅޭ މިސްކިތެކެވެ. މިސްކިތް ރޯކޮށްލުމަށް ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅޭގޮތުން އެ މިސްކިތަށްދާ މުސްލިމުން އެކަން ކުއްވެރިކޮށް ނޫސްތަކުގައި ބުނެފައިވަނީ، ބަޔަކު ހަމަލާދޭން މަސައްކަތް ކުރި ނަމަވެސް އެމީހުން މިސްކިތަށް ގޮސް ކުރާ އަޅުކަންތައް ނުހުއްޓުވޭނެ ކަމަށެވެ.

"މިފަދަ ހަމަލާއެއް ދޭން ކިތަންމެ ބޮޑު ރޭވުމެއް ރޭވި ނަމަވެސް، އަހަރެމެން މިސްކިތަށް ގޮސް ކުރާ އަޅުކަމާއި ނަމާދު ނުހުއްޓުވޭނެ. އަހަރެމެން މި މިސްކިތަށް ޖަމާވާ ޖަމާވުމަށް ހުރަހެއް ނޭޅޭނެ"

މި ހާދިސާ އާއި ގުޅިގެން ކެލިފޯނިއާގެ ކަމާއި ބެހޭ އިދާރާތައް ގުޅިގެން މިހާރު ޚާއްސަ ތަހުޤީޤެއް ކުރިޔަށް ގެންދާކަން ހާމަކޮށްފައިވީ ނަމަވެސް، އެ ތަހުޤީޤާއި ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. އަދި މި ހާދިސާ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއްވެސް ނޭނގެއެވެ. ފުލުހުން ވަނީ މިއީ ބަޔަކު ރާވައިގެން ހިންގަން އުޅުނު ނިރުބަވެރި ހަމަލާއެއް ކަމަށް ބުނެފައެވެ. އަދި މިއީ ނިއުޒިލޭންޑުގެ މިސްކިތަށް ދިން ހަމަލާ އާއި ގުޅުންހުރި އެފަދަ ހަމަލާއެއް ކަމަށް އޮފިޝަލުން ތުހުމަތު ކުރެއެވެ.

ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ މިސްކިތަކަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި ޖުމްލަ 50 މީހަކު ޝަހީދުވި އެވެ. މިމަހުގެ 15 ވަނަ ދުވަހު ދިން ރަހުމުކުޑަ އެ ހަމަލާގެ ފަހަތުގައި ހުރި އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ. މުސްލިމުން އެހެން ދީންތަކުގެ މީހުންވެސް، ލާއިންސާނީ އެ ހަމަލާ އާއި ގުޅިގެން ހިތާމަ ފާޅުކުރަމުންދާ އިރު، ހާދިސާ އަށްފަހު އެކަމުގެ ހިތާމައިގައި މުޅި ދުނިޔެ ދަނީ ބައިވެރިވަމުންނެވެ.