ފާއިތުވެދިޔަ ގަޑިއެއްހާއިރު ތެރޭ ތުރުކީގެ އެކި ހިސާބުތަކަށް 20 އަށްވުރެ ގިނަ ބިންހެލުން އަތުވެއްޖެއެވެ.

މި ބިންހަލުންތައް އައިސްފައި ވަނީ އެޤައުމުގެ އިރުމަތީ ސަރަޙައްދުތަކަށާއި ހުޅަނގުގެ ސަރަޙައްދުތަކަށެވެ. މި ހުރިހައި ބިންހެލުމެއްވެސް އައިސްފައި ވަނީ ބިމުގެ ހަތް ކިލޯމީޓަރާއި އަށް ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުންތަކާއި ގުޅިގެން މިހާތަނަށް އެޤައުމުގެ އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އެނގިފައެއް ނެތެވެ. ފާއިތުވެދިޔަ ވަގުތުތަކުގައި ތުރުކީއަށް ބިންހެލުން އަންނަމުން ދަނީ ނިސްބަތުން ދަށް ބާރުމިނެއްގައެވެ. އެގޮތުން ގިނަ ބިންހެލުންތައް އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 2.0 އާއި 3.0 އާއި ދެމެދުގެ ބާރުމިންތަކުގައިކަން ފާހަގަކޮށްލެވެއެވެ.

ފާއިތުވެދިޔަ ގަޑިއެއްހާއިރު ތެރޭ އެޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 4.7 އަށް އަރައެވެ. އެ ބިންހެލުން އައިސްފައި ވަނީ ތުރުކީގެ އިރުމަތީ ސަރަޙައްދަށް ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ. ރެއިން ފެށިގެން ތުރުކީއަށް އަންނަމުންދާ ބިންހެލުންތަކުގެ އަދަދު ގާތްގަޑަކަށް 40 އަރައެވެ. ކުއްލިއަކަށް ގިނަ ބިންހެލުންތައް ތުރުކީއަށް އަންމުންދާ ދިއުމާއި ގުޅިގެން އަދި ރަސްމީ ފަރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ތުރުކީއަށް ގެއްލުންދެނިވި ބާރުގަދަ ބިންހެލުމެއް އެންމެ ފަހުން އައިސްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުމިނުގައި ބިމުގެ ދިހަ ކިލޯމީޓަރު އަޑި އައި އެ ބިންހެލުމުގެ ކުރިންވެސް އެ ސަރަޙައްދަށް ގިނަ ޢަދަދަކަށް ކުދި ބިންހެލުންތައް އައިސްފައި ވެއެވެ.

ސައިންސްވެރިންގެ ހޯދުންތަކުން އެނގޭގޮތުގައި، ކުދި ބިންހެލުންތައް ކުއްލިއަކަށް ގިނަ ވުމަކީ ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާނެވެ.