އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ހޮސްޕިޓަލެއްގެ ތެރޭގައި، އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ވެގެން އަންހެނަކު ރޭޕްކޮށްލި މައްސަލައެއް ހޫނުވެއްޖެއެވެ. އިންޑިއާގެ ނޫހެއްގައި ބުނެފައިވާ ގޮތުގައި ހޮސްޕިޓަލުގެ މުވައްޒަފުން އޭނާ ރޭޕްކޮށްލީ، އައިސީޔޫގައި އެޑްމިޓްކޮށް ނިދާ އިންޖެކްޝަނެއް ޖެހުމަށްފަހު އެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ހަތަރު ފިރިހެނެއްގެ އިތުރުން އަންހެނަކު ހައްޔަރުކޮށްފައިވާއިރު، މި އެންމެންނަކީވެސް ބަލި މީހާ ރޭޕްކޮށްލުމުގައި ބައިވެރިވި މީހުން ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އެފަރާތުން އިތުރަށް ބުނި ގޮތުގައި މިހާދިސާ ހިނގާފައިވަނީ، އަންހެނަކު ނޭވާލާން އުނދަގޫ ވެގެން އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގޮސް އުޅެނިކޮށެވެ. އޭނާއަށް ފަރުވާދެމުން ދިޔައީ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ވެއެވެ.

"ނެވާލާން އުނދަގޫވެގެން ދިއުމުން އޭނާ ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. އޭނާއަށް އޭރު ފަރުވާދެމުން ދިޔައީ ހޮސްޕިޓަލުގެ އައިސީޔޫގައި. އެއަށްފަހު ނިދާ އިންޖެކްޝަނެއް އޭނާގެ ގަޔަށް ވަނީ ޖަހާފައި. އޭނާ ރޭޕްކޮށްލީ އެތަނުގައި އޮއްވައި،" އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

މި މައްސަލަ ބަލަމުންދާ ފުލުހުންގެ ޓީމާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި، އެ އަންހެން މީހާ ރޭޕްކޮށްލި ވަގުތު އައިސީޔޫގެ ސީސީޓީވީ ކެމެރާތައް ވަނީ ނިއްވާލާފައެވެ. އެހެންކަމުން ހާދިސާ ހިނގައިދިޔަ ގޮތް ރެކޯޑު ކުރެވިފައި ނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.

އުއްތަރ ޕްރަދޭޝްގެ ކަމާއި ބެހޭ އިދާރާތައް ގުޅިގެން މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންދާއިރު، މި ހާދިސާ އާއި ގުޅިގެން ގުޅުންހުރި އެހެން ބަޔަކުވެސް ހޯދަމުންދާ ކަމަށް ވެއެވެ. ނަމަވެސް މި މައްސަލަ އާއި ގުޅިގެން ހިންގާ ތަހުޤީގުގެ އިތުރު މަޢުލޫމާތެއް އެފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.

ރޭޕްކުރުމުގެ ހާދިސާތައް ގިނަ އިންޑިއާގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރޭޕްގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ހިނގާ ރޭޕް އާއި ޖިންސީ ގޯނާގެ މައްސަލަތައް ކޮންޓްރޯލް ކުރުމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ. ކޮންމެ އަހަރަކުވެސް އެޤައުމުގެ މިފަދަ އެތައް ހާސް މައްސަލައެއް ރިޕޯޓް ކުރެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި ހާދިސާތައް ވެސް ގިނަ ޢަދަދަކަށް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭ އެޤައުމުގެ ޤާނޫނުން ހުއްދަކުރީ މި މައްސަލަތައް ހައްދުފަހަނައަޅާފައި ވަނިކޮށެވެ.