ސީރިޔާގައި ހިނގަމުންދާ ހަނގުރާމައަށް މި މަހުގެ 15 ވަނަ ދުވަހުވަނީ އަށް އަހަރު ފުރިފައެވެ. ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުމެ ފެށި މުޒާހަރާ ހޫނުވެ، ދުނިޔެ ޝާމިލުވާ ހަނގުރާމައަކަށް އެންމެ ފަހުން، އެކަންމިވަނީ ވެފައެވެ. ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމުގެ ކޮޅުމައްޗެއްވެސް ފެންނަމުން ނުދެއެވެ.

ނުރައްކާތެރި ހަތިޔާރުތަކާއި، ހުއްޓާ ނުލައި ހަމަލާ ދިނުމުގެ އިތުރަށް އެތައް ގިނަ ކަންތައްތަކެއް ސީރިޔާގެ މަޝްރަހުގައި ދަނީ ހިނގަމުންނެވެ.

"ބީބީސީ" އިން ދާދިފަހުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތައްވެސް، އިންތިހާ ދަރަޖައަށް އެޤައުމުގައިވަނީ އިތުރުވެފައެވެ.

އެރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެހީގެ ބަދަލެއްގެ ގޮތުން، އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުގެ ފަރާތުން ހަރަކާތްތެރިވާ ފިރިހެނުން ދަނީ، ނިކަމެތި އަންހެނުންނާއި އަންހެން ކުދިންނާއެކު ނޭއްގާނީ ބައެއް ކަންކަން ކުރަމުންނެވެ.

މިކަމުގައި އދ.ގެ އެޖެންސީތަކުގެ ފަރާތުން ހަރަކާތްތެރިވާ މީހުންވެސް ބައިވެރިވާއިރު، މިކަމާ ގުޅިގެން އދ.ގެ އާބާދީ ޖަމިއްޔާ، "ޔޫއެންއެފްޕީއޭ" އިން ކޮށްފައިވާ ދިރާސާއަކުން ވެސް މިކަންވަނީ ކަށަވަރުކުރެވިފައެވެ. "ވޮއިސަސް ފްރޮމް ސީރިޔާ 2018" ނަމުގައި ޔޫއެންއެފްޕީއޭ އިން ނެރެފައިވާ ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ކާނާއާއި އެނޫންވެސް އިންސާނީ އެހީގެ ބަދަލުގައި، އަންހެން ކުދިންގެ ފޯނު ނަމްބަރު އަތުލުމުން ފެށިގެން ގޮސް، މުޠުއާ ކައިވެނިވެސް ކޮށްފައިވެއެވެ. މިފަދަ ކައިވެންޏަކީ ވަކި މުއްދަތަކަށް މަތިކޮށް ކުރާ ކައިވެންޏަކަށް ވާއިރު، މިއީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ.

ހަމައެހެންމެ، އިންސާނީ ވަގުފާރީގެ (ހިއުމަން ޓްރެފިކިންގ) ކަންތައްތައްވެސް ސުންނާފަތިވެފައިވާ ސީރިޔާގައި އޮތީ އިންތިހާ ދަރަޖައިގައެވެ. އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ، "ޔުނިސެފް" އިން ބުނާ ގޮތުގައި ތިން އަހަރުގެ ކުދިންވެސް ހާލުގައި ޖެހި، މަސައްކަތް ކުރަން މަޖުބޫރުވުމުން، މިކަންކަމަށް ދަނީ މަގުފަހިވަމުންނެވެ.

މިފަދަ އެތައް މައްސަލައެއް ހުރިއިރު، މިކަންކަން ހައްލުކުރުމަށް އެދެވޭ މަސައްކަތްތަކެއް، ކަމާބެހޭ ފަރާތްތަކުން ނުކުރާކަމުގެ ޝަކުވާވެސް ދަނީ އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚަލީލުސޯ

    އަމިއްލަ އަތުން އަމިއްލަ ޤަވްމު ހަލާކުގެތެރެޔަށް ވައްޓާލާފަ ކޮން ރުއިމެއް؟ އަސަދާދެކޮޅަށް ޖަރީމާތައް ހިންގުމަށް ބޭރުން ހަނގުރަމަވެރިން ޤަވްމަށް އެރުވީމާ ވާނޭ ހަޔެތި ތިވަނީ! ޢިރާޤު ، އަފްޣާނިސްތާނު ، މިޞްރު ، ލީބިޔާ ގެ ޙާލަތު އޮތްގޮތް ބަލާ ޢިބްރަތް ޙާޞިލުނުކޮށް ކީކޭތަ ތިޔަ ކިޔަނީ؟

  2. Anonymous

    ވެރިޔާ ނުބައިވެއްޖެނަމަ ވާނެގޮތް އެފެންންނީ

  3. އަހްމަދު

    އެފެންނަނީ އިދިކޮޅު ފަރާތްތަކުން ވެރިކަންބޭނުންވެ އެހެން ގައުމުތަކުން އެރުމަށް ގޮވާ އެމީހުންގެ އެހީއަށް އެދުމުންވާނެގޮތް. ރާއްޖެއިން ބޭރުަގައި ފިލާތިބެގެން އެހެން ގައުމު ތަކުގެ ސިފައިން މިގައުމަށް ގެނައުމް މަރުވެ ހާލުގައިޖެހޭނީ ނިކަމެތި ރައްޔިތުން. ބޭރުކަރަތަކުގައި އުޅޭ ގައްދަރުންގެ އާއިލާތަކަށް ވާނެ ގެއްލުމެއްނެތް.

  4. ރައްޔިތު މީހާ

    ކޮބާ އަވައްޓެރި ތުރުކީ. ތުރުކީ އިން އެމީހުންގެ ހަތިޔާރު ދައްކާލި އިރު ހީވަނީ ދެންމެ ސީރިޔާ ސަލާމަތް ކުރަން އުުނުހެން. އެކަމަކު މިހާރު އަނގައިން ވެސް ބުނެނުލާ. ކޮރެޔާއިން ނަމަވެސް މިކަން ހުއްޓުވަން ވެއްޖެ. ރާއްޖެއަށް އިންޑިއާ ސިފައިން އެރުމަށްވުރެ ސީރިޔާ ސަލާމަތް ކޮއްދިނުން ކިހިނެއްވާނެ ތޯ ނަޝީދު

    • ބަކައްޓާ

      ކައެ ދާންވީނު ޖިހާދަށް