ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތްއަހަރަށް ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ބޭސްފަރުވާއަށް ވަގުތީގޮތުން މިނިވަންކޮށްފިއެވެ.

ކޮރަޕްޝަންގެ ކުށް ސާބިތުވެ އުމުރުފުޅުން 69 އަހަރުގެ ނަވާޒް ޝަރީފް ހަތް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުއެވެ.

ނަވާޒް ޝަރީފަށްވަނީ ހިތްޕުޅުގެ އާލާސްކަންފުޅާއި، ކިޑްނީގެ މައްސަލަތައް ކުރިމަތިވެވަޑައި ގެންފައެވެ. އެކަމާހެދި އޭނާވަނީ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކޮށްފައެވެ.

ނަވާޒް ޝަރީފް މިނިވަން ކުރި ނަމަވެސް ޕާކިސްތާނުން ބޭރަށް ވަޑައިގަތުން ސުޕްރީމް ކޯޓުންވަނީ މަނާކޮށްފައެވެ. ނަވާޒް ޝަރީފް މިނިވަން ކޮށްފައިވަނީ ހަ ހަފްތާގެ މުއްދަތަކަށެވެ.

މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި ނަވާޒް ޝަރީފް އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރުން މަނާކޮށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ޙުކުމެއް ކޮށްފައެވެ.

ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން އެ ގައުމުގެ އެކައުންޓިބިލިޓީ ކޯޓުން ހުކުމްކުރީ ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަަށް ސާބިތުވުމާއި ގުޅިގެންނެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސް އަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް ނަވާޒް ޝަރީފް ބުނެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިޔެކިޔުންތަކުގައި އޭނާގެ ނަން އޮތީ ވިސާ ނަގަން ފަސޭހައަކަށް ކަމަށެވެ. މުސާރަ ނުނެގީ މަގާމުގެ ޒިންމާއެއް އަދާނުކުރާތީ ކަމަށް ނަވާޒް ޝަރީފް ބުނެފައި ވެއެވެ.