އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ މައްސަލަ ކޮޅެއްގައި ނުޖެހި، ގޮތް ހުސްވުމުން އެގައުމުގެ ބޮޑުވަޒީރު ތެރީސާ މޭ އެންމެފަހުން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޭ އިސްތިއުފާ ދެއްވަން ނިންމެވީ އެކަމަނާގެ ޕާޓީގެ މެންބަރުންގެ ތާއިދު އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ އެއްބަސްވުމަށް ހޯއްދެވުމުގެ ގޮތުންނެވެ. ޕާޓީގެ ބައެއް މެންބަރުން ވަނީ އީޔޫ އިން ވަކިވުމުގެ އެއްބަސްވުމަށް ތާއިދު ކުރައްވާނީ އެއްބަސްވުން މަޖިލީހުން ފާސްވުމުން މޭ އިސްތިއުފާ ދެއްވަން އެއްބަސްވާނަމަ ކަމަށް ވިދާޅުވެފައެވެ.

"އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ މަރުހަލާތައް އަމާންކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ބޮޑުވަޒީރުގެ މަގާމު ދޫކޮށްލަން އަޅުގަނޑު މިދަނީ ތައްޔާރުވަމުން." ދެއްމެ ބޭއްވި ބައްދަލުވުމެއްގައި މޭ، މެންބަރުންނަށް ވިދާޅުވިއެވެ.

މޭ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައި ވާއިރު މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ އެކަމަނާގެ އިތުބާރުނެތް ކަމުގެ ވޯޓެއް އަނެއްކާވެސް ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ. އެފަދަ ހާލަތެއްގައި ސަރުކާރު ވެއްޓުން ގާތެވެ. ނަަމަވެސް މޭ މަގާމުން އިސްތިއުފާ ދެއްވުމުން އަނެއްކާވެސް ވެރިކަން ކުރާ ކޮންޒަވޭޓިވުންނަށް އާބޮޑުވަޒީރަކު ހޮވަން ފުރުސަތު ފަހިވާނެއެވެ.

މޭ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމާއި ގުޅިގެން އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ އެއްބަސްވުމަށް ތާއިދު ނުކުރައްވާ ބައެއް މެންބަރުން ވަނީ މޭ ހުށަހަޅާ އެއްބަސްވުމަށް ވޯޓް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ އެއްބަސްވުން ޤާނޫނު ހަދާ މަޖިލީހުން ފާސްކުރެވިދާނެ ކަމުގެ އުއްމީދު މިހާރު ވަނީ އަނެއްކާވެސް އާވެފައެވެ.