އިންޑޮނީޝިއާއަށް ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫރަޕިއަން-މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ އިންޑޮނީޝިއާގެ ޖަޒީރާ ރަށެއް ކަމަށްވާ ފްލޮރެސްގެ ސަރަޙައްދަކަށް، ބިމުގެ 186 ކިލޯމީޓަރު އަޑިންނެވެ.

1.83 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފްލޮރެސްއަށް ދާދި ދެންމެއަކު އައި މި ބިންހެލުމާއި ގުޅިގެން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން ސުނާމީއެއްގެ އިންޒާރުވެސް މިހާތަނަށް ނެރެފައެއް ނުވެއެވެ.

ފްލޮރެސް އަށް ދާދި ދެންމެއަކު ބިންހެލުމެއް އައި އިރު، މިއަދު އިންޑޮނީޝިއާގެ ސުމަޓްރާއަށްވެސް ބިންހެލުމެއް އައިސްފައި ވެއެވެ. ރެކްޓަރ މިންގަނޑުން 3.1 ގެ ބާރުމިނުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އައި އެ ބިންހެލުމުގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ހެންދުނުގެ ވަގުތެއްގައި އެޤައުމުގެ އުތުރު ސުލަވެސީގެ ސިޓީއެއް ކަމަށްވާ ބިޓުންގަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. ބިމުގެ 37 ކިލޯމީޓަރު އަޑިން، ރެކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި ބައެއް އިމާރާތްތަކަށް ލޮޅުން އެރިކަމަށް ނޫސްތައް ބުނެއެވެ.

އިންޑޮނީޝިއާ އަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ޤައުމެކެވެ. އެޤައުމު އުފެދިފައި އޮންނަނީ ޕެސިފިކް "ރިންގް އޮފް ފަޔަރ" ނަމަކަށް ކިޔުނު ސަރަޙައްދެއްގައެވެ. މި ސަރަޙައްދުން ކަނޑުގެ އަޑީގައި ދެ ބައްރެއްގެ ދެ ޕްލޭޑް ގުޅޭ ހިސާބުން "ފޯލްޓެއް" އުފެދިފައިވާތީ ވަރަށް ބޮޑަށް ޕްރެޝަރ އުފެދެމުންދާ ކަމަށް ސައިންސްވެރިން ބުނެއެވެ. ކުދި ބިންހެލުންތައް ގިނަ ވުމަކީ އެ ފޯލްޓްލައިނުގެ ޕްރެޝަރު އިތުރުވެ ބޮޑު ބިންހެލުމެއް އައުމުގެ ކުރިން ފެންނާނެ ނިޝާންތައް ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.