މެކްސިކޯއާ ގުޅިފައި އޮންނަ އެމެރިކާގެ ދެކުނުގެ ބޯޑަރު ބަންދުކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިނުމާއި ގުޅިގެން އެމެރިކާއިން އެވަކާޑޯ ހުސްވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާން މަސައްކަތް ކުރާ މީހުން ނުހުއްޓުވައިފި ނަމަ މި ހަފުތާ އިން ފެށިގެން ބޯޑަރު ބަންދުކުރާނެ ކަމަށް ޓްރަންޕް ވަނީ ބުނެފައެވެ. މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ރިޔާސީ ވައުދެކެވެ.

ތަޖުރިބާކާރުން ގަބޫލު ކުރާގޮތުން މެކްސިކޯ ބޯޑަރު ބަންދު ކޮށްފިނަމަ ތިން ހަފްތާ ތެރޭ އެމެރިކާއިން އެވަކާޑޯ ހުސްވާނެއެވެ. އެވަކާޑޯ އަކީ އެމެރިކާ ރައްޔިތުންގެ މެދުގައި މަގުބޫލު މޭވާއެވެ. އެމެރިކާއިން އެންމެ ގިނަ އަދަދަކަށް އެވަކާޑޯ އެތެރެ ކުރަނީ މެކްސިކޯ އިންނެވެ.

މެކްސިކޯ ބޯޑަރު މެދުވެރިކޮށް އެމެރިކާއިން އެތަށް ބިލިއަން ޑޮލަރެއްގެ ވިޔަފާރި ކޮންމެ އަހަރަކު ކުރެއެވެ. މީގެ އިތުރުން އެމެރިކާއިން އާންމު ދިރިއުޅުމަަށް ބޭނުންވާ މޭވާ އަދި ތަރުކާރީގެ 46 އިންސައްތަ އެތެރެކުރަނީ މެކްސިކޯއިން މި ބޯޑަރު މެދުވެރިކޮށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ވެސް ޓްރަމްޕް ވަނީ ބޯޑަރު ބަންދު ކުރާނެ އިންޒާރު ދީފައެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސް އިން ފާރު ރޭނުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި ނުދިނުމުން އެމެރިކާ ސަރުކާރު 35 ދުވަހަށް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މިހާރު ބަޖެޓްގައި ހުރި ބައެއް ކަންކަން ގައުމީ ސަލާމަތައްޓަކައި ޚަރަދު ކުރުމުގެ އިހްތިޔާރު ރައީސް އަށް ވަނީ ލިބިފައެވެ.