24 އެންޓި ސަބްމެރިން ހެލިކޮޕުޓަރު އެމެރިކާއިން އިންޑިއާ އަށް ވިއްކާލާނެ ކަމަށް އެގައުމުން ހާމަ ކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރީ ގައުމުން އިންޑިއާ އަށް މި ހެލިކޮޕުޓަރުތަށް ވިއްކާލަނީ 2.6 ބިލިއަން އެމެރިކާ ޑޮލަރުގެ ޑީލް އެއްގެ ދަށުންނެވެ.

މި ހެލިކޮޕުޓަރުތަކާއި އެކު އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ ޗައިނާ ސަބްމެރިންތަކަށް އިންޑިއާ އަށް ފާރަލެވޭނެއެވެ. މި ބާވަތުގެ ހެލޮކޮޕްޓަރަކީ ވަގަށް ހަރަކާތްތެރިވާ ހެލިކޮޕުޓަރު ތަކާއި ކާރިސާތަކުގައި އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރެއްވިދާނެ ހެލޮކޮޕްޓަރު ތަކެކެވެ.

އެމެރިކާއިން 24 ހެލިކޮޕުޓަރު އިންޑިއާ އަަށް ވިއްކާލަނީ މިދިޔަ އަހަރު ފަަހުކޮޅު އިންޑިއާއިން އެދުނު އެދުމަކަށެވެ.

ޗައިނާގެ ނުފޫޒު މުޅި އޭޝިޔާއަށް ފެތުރެމުން އަންނާތީ، އެމެރިކާގެ ނަޒަރުވެސް މިހާރު ހުއްޓިފައިވަނީ ޗައިނާ ހުއްޓުވުމަށެވެ. އެގޮތުން އެމެރިކާއިން ދަނީ މި ސަރަހައްދުގެ ދެވަނަ ބާރު އިންޑިއާއި އެކު އަސްކަރީ ގޮތުން ގުޅުން ވަރުގަދަ ކުރަމުންނެވެ.

މި ނުފޫޒު ކުޑަ ކުރަން އެމެރިކާ އަދި އޮސްޓްރިއާއިން ވެސް އިންޑިއާ ކަނޑުގައި އަސްކަރީ ގޮތުން ހަރަކާތެރިވެއެވެ. އެމެރިކާގެ އަސްކަރީ ބޭހެއް އިންޑިއާ ކަނޑުގައި މިހާރުވެސް ވެއެވެ.

ފަހަކަށް އައިސް އެމެރިކާގެ އެހީގައި އިންޑިއާގެ އަސްކަރިއްޔާ ވަނީ ޗައިނާއަށް ގޮންޖަހާލެވޭނެ ފެންވަރަށް ކުރިއަރާފައެވެ. ޗައިނާ އަދި ޕާކިސްތާނުގެ ކޮންމެ ހިސާބަކަށްވެސް ހަމަލާ ދެވޭ ވަރުގެ ބެލިސްޓިކް މިސައިލް އިންޑިއާގައި އެބަހުއްޓެވެ.

އިންޑިއާގެ އަސްކަރީއާގައި ރިޒާވް ޓްރޫޕް އާއިއެކު އެގައުމުގެ ސަފައިންގެ އަދަދު 3.5 މިލިއަނާ ގާތްކުރެއެވެ. އެއްގަމުގައި ދުއްވާ ހަނގުރާމަމަތީ 16 ހާސް އުޅަނދާއި 1700 އަށްވުރެ ގިނަ ހަނގުރަމަމަތީ މަތިންދާ ބޯޓް އިވެެއެވެ.

އަސްކަރިއްޔާ ޒަމާނީ ކުރުމުގެ މަސައްކަތް 46 ބިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އެގައުމުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު