އަޅުވެތިކޮށްފައިވާ ފަލަސްތީނު ބިމުގައި އިސްރާއީލު ކިޔާ ލާއިންސާނީ ދައުލަތަކުން ކޮންމެ ދުވަހަކު އިންސާނިޔަތާއި ހިލާފު ބޮޑެތި ޖަރީމާތަށް ހިންގަމުންދާއިރު ފަލަސްތީނު ބިމުގައި ކުޑަ ކުދިން ގެއްލުން ނުވަތަ ވަގަށް ނެގުން އެެއީ އާންމު ކަމެކެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހު ފަލަސްތީނުގެ ރާމަﷲ އަވަށުން ގެއްލުނު އުމުރުން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދިޔަތާ ތިން ދުވަސް ފަހުން ފެނުނީ އިސްރާއީލުގެ ޖަލަކުންނެވެ.

އާއިލާއަށް ރާމިޒް ތަމީމީ ގެއްލުނީ ކުޅެން ބޭރަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެންނެވެ. ފަލަސްތީނުގެ ރާމަﷲ އަވަށުން މިއަހަރުގެ މިހާތަށް 20 ކުދިން އިސްރާއީލުން ވަނީ ވަގަށް ނަގާފައެވެ. އާންމުކޮށް މިގޮތަަށް ވަގަށް ނަގާ ކުދިންގެ ހަބަރެއް އާއިލާއަށް ނުލިބި އެތަށް މަހެއްވެސް ދެއެވެ.

ފަލަސްތީނުގައި މަސައްކަތް ކުރާ އެޤައުމުގެ ޖަމިއްޔާއެއްކަމުގައިވާ "ދަ ޕަލެސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ" އިން ހާމަކޮށްފައިވާގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ކުށެއް ނެތް 900 އެއްހާ ކުދިން ހައްޔަރުކޮށްފައި އެބަތިއްބެވެ.

"ދަ ޕަލެސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ" ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މި އަހަރުގެ މިހާތަނަށް، ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ ސަރަޙައްދުން، ފަލަސްތީނުގެ 12 ކުޑަކުއްޖަކުވަނީ ޝަހީދު ކޮށްލާފައެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން މިހާތަށް 2145 ކުޑަ ކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. ހަމައެހެންމެ، ކުޑަކުދިންނާ ދެކޮޅަށް އެކަށީގެން ނުވާ މިންވަރުގެ ބާރުގެ ބޭނުން ކުރާކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ.

އިންސާނީ ހައްގުތަކޭ ކިޔައިގެން އެންމެ ބޮޑަށް ހަޅޭލަވާ ހުޅަގުގެ ގައުމުތަކަށް މި ކަން ބޮޑު ކަމަކަށް ނުވާއިރު އިސްރާއީލަކީ ބައިނަލްއަޤުވާމީ އެއްވެސް އެންގުމަކަށް ތަބާ ނުވެ، ފަލަސްތީނު ރައްޔިތުންނަށް އެތައް އަނިޔާތަކެއް ދެމުންދާ ބައެކެވެ. އިޒްރާއިލުގެ އަނިޔާތައް ހުއްޓުވުމަށް އެހެން ޤައުމުތަކުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަންބޭގެ އަލީ

    މިއީ އިސްރާއީލްގެރޭވުން، ގައުމުގެ ރައުސްމާލަކީ މިއަދުގެ ޅަދަރިން މާދަމާގެޒުވާނުން މިއީ ފަލަސްތީނުގެ ދަރިފަސްކޮޅުނައްޓާލުމަށްޓަކައި ދަރިމައިވާ އުމުރުގެމީހުން ނައްތާލުމަށްޓަކައި އިސްރާއީލްގެ ނުބައި ނުލަފައި ރޭވުމުގެދަށުން ކޮންމެދުވަހަކު ހިންގާޖަރީމާއެކެވެ. މިއީ ވަރަށްކުރީއްސުރެން އެމީހުންޕްލޭންކޮށްފައިވާކަމެކެވެ.

    15