ނިއުޒިލެންޑްގެ ކްރިސްޗާޗްގައި ހުންނަ ދެ މިސްކިތަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ދިން ނިރުބުވެރި ހަމަލާގައި އިތުރު އިތުރު އަށް މީހަކު ބައިވެރިވާ ކަމަށް އެހަމަލާ އާއި ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ނިރުބުވެރިޔާ ބުނެފިއެވެ.

ނިއުޒިލެންޑްގެ މީޑިއާތަކުން ނަން ހާމަކުރަން ބޭނުން ނުވާ ފުލުހުންގެ އޮފިޝަލަކާއި ހަވާލާދީ ބުނީ މިސްކިތްތަކަށް ބަޑިން ހަމަލާ ދިން މީހާ ފުރަތަމަ ހުއްޓުވި ފުލުސް އޮފިސަރު ކައިރީ އޭނާ ކުށަށް އިއުތިރާފް ވިއެވެ. އޭނާ އަކީ މިސްކިތްތަކަށް ހަމަލާ ދިން މީހާ ކަމަށާއި މިހަމަލާ ދިނުމުގައި އަދި އިތުރު އަށް މީހަކު ވެސް އޭނާ އާއި އެކު ބައިވެރިވާ ކަމަށް އޭނާ އެވަގުތު ބުންޏެވެ.

އަދި އޭގެ ފަހުން ފުލުހުންގެ ތަޙްޤީޤު ވެސް އޭނާ ވަނީ ހަމަލާ ދިނުމުގައި އިތުރު އަށް މީހަކު ބައިވެރިވާ ކަމަށް ބުނެފައެވެ.

އޭނާ ދިން މައުލޫމާތާއި ގުޅިގެން ހަމަލާ ދިން ދުވަހު ތިން މީހުން ހައްޔަރު ކުރިއެވެ. އެއީ އަންހެނަކާއި ދެ ފިރިހެނުންނެވެ. ނަމަވެސް ފަހުން ފުލުހުން ބުނެފައި ވަނީ މިސްކިތްތަކަށް ދިން ހަމަލާ އާއި އެމީހުންނާއި ގުޅުމެއް ނެތް ކަމަށެވެ. މިހާރު އެމީހުން ވަނީ ދޫކޮށްލާފައެވެ.

ހަމަލާ ދިނުމުގައި އިތުރު ބަޔަކު ބައިވެރިވި ކަމަށް ހަމަލާ ދިން މީހާ ބުނި ނަމަވެސް ފުލުހުން ބުނާ ގޮތުގައި އަދި އެކަމުގެ ހެއްކެތް ލިބިފައެއް ނެތެވެ. ނަމަވެސް ފުލުހުން ގެންދަނީ އަދިވެސް ތުހުމަތު ކުރެވޭ ކަންކަން ބަލަމުންނެވެ.

މިސްކިތައް ހަމަލާ ދިން މީހާ ހުއްޓުވާފައި ވަނީ ދެ ފުލުހަކު ކާރަކުން ޖައްސާ މަގުމައްޗަށް އޭނާ ވައްޓާލުމަށް ފަހު އެވެ. އޭނާ ހައްޔަރު ކުރެވުނީ ފުރަތަމަ މިސްކިތައް ހަމަލާ ދިނުމުން ފުލުހުން ހާދިސާގެ ރިޕޯޓް ކުރިތާ 21 މިނެޓް ފަހުންނެވެ.

މިހާރު ފުލުހުންގެ ތަހްޤީޤަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ފުލުހުން އޭނާ ހުއްޓުވާފައި ވަނީ ދެވަނަ މިސްކިތައް ހަމަލާ ދިނުމަށް ފަހު ތިން ވަނަ މިސްކިތައް ހަމަލާ ދިނުމަށް ނައްޓާލި ތަނުންނެވެ.

މިސްކިތްތަކަށް ހަމަލާ ދިން މީހާގެ މައްޗަށް މިހާރު ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެއެވެ.