ނިއުޒިލެންޑްގެ ކްރިސްޗާޗްގެ މިސްކިތްތަކަށް މިދިޔަ މަހު ދިން ހަމަލާގައި އަޅުގަނޑުމެންނާއި ވަކިވެގެން ދިޔަ މީހުންގެ ހަނދާންތައް އަދިވެސް އެބަހުއްޓެވެ. އެމީހުންގެ ހަނދާންތައް ހާއްސަކޮށް ނިއުޒިލެންޑްގެ މުސްލިމުންގެ ހިތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ. ނިއުޒިލެންޑްގެ ކްރިސްޗާޗްގައި ދިރިއުޅޭ މުސްލިމުންގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ލިންޑާ އާމްސްޓްރޯން ވެސް ވަނީ މިސްކިތައް ދިން ހަމަލާގައި ޝަހީދު ވެފައެވެ.

ލިންވޫޑް މިސްކިތައް ދިން ހަމަލާގައި ޝަހީދުވި ލިންޑާ އަކީ އުމުރުން 65 އަހަރުގެ އަންހެނެކެވެ. ކްރިސްޗާޗްގެ މުސްލިމުންނަށް އޭނާ އެނގެން ފެށީ މީގެ ދެއަހަރު ކުރިން އިސްލާމްވެ، މުސްލިމުންނާއި އެކު އިޖުތިމާޢީ ގިނަ ކަންކަމުގައި އެހީތެރިވާން ފެށުމުންނެވެ.

މިސްކިތައް ދިން ހަމަލާގައި ލިންޑާ ޝަހީދުވީ ވެސް ޒަހަމްވި މީހަކަށް އެހީތެރިވަމުން ދަނިކޮށް ނިރުބުވެރިޔާ ދިން ހަމަލާއެއް އަމާޒުވެގެންނެވެ.

ލިންޑާ ވަނީ މީގެ ކުރިން ވެސް މީހުންނަށް ދިމާވި އުނދަގޫ ހާލަތްތަކުގައި އެމީހުންނަށް އެހީވެފައެވެ. ހާއްސަ ގޮތެއްގައި ނިއުޒިލެންޑްގެ ނެލްސަން އާއި ޓަސްމަން އަވަށުގައި މީގެ ކުރިން އަލިފާން ރޯވެ އަވަށުގެ ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ފެތުރުމުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގައި އޭނާ އިސް ދައުރެއް އަދާކުރިއެވެ.

ލިންޑާ ދިރިއުޅެމުން ދިޔަ ސަރަހައްދުގައި ހުންނަ މިސްކިތެއްގެ އިމާމަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ލިންޑާ ވަރަށް ގިނައިން އޭނާ ކައިރިން އިސްލާމްދީނުގެ މައުލޫމާތު ދަސްކުރާ ކަމަށެވެ.

"އަބަދުވެސް އޭނާ ބުނާނެ އިސްލާމްދީނުގެ ސަބަބުން އޭނާގެ ނަފްސަށް ހަމަޖެހުން ލިބިއްޖެއޭ. އުފާވެރިކަން އިތުރުވެއްޖެއޭ." އިމާމް ބުންޏެވެ.

ލިންޑާ އަބަދުގެ އަބަދަށް ވަކިވެގެން ދިއުމުން އޭނާގެ އަވައްޓެރިންނާއި ރަހުމަތްތެރިންނަށް ވަނީ ވަރަށް ފުން ހިތާމައެއް ލިބިފައެވެ.