ރައީސް އުމަރު އަލް ބަޝީރުގެ އިސްތިއުފާއަށް ގޮވާލާ ފަސް މަސްވަންދެން ރައްޔިތުން ކުރި މުޒާހަރާ އަށް ފަހު، އޭނާ އިސްތިއުފާ ދެއްވަން ނިންމަވައިފި ކަމަށް ރިޕޯޓްތަަށް ބުނެފިއެވެ.

މުޒާހަރާތަށް ވަރުގަދަވެ އެތައް ހާސް މީހުން މިމަހުގެ ހަޔެއްގައި ވަނީ ރައީސްގެ ގެކޮޅު ހުންނަ، އަސްކަރިއްޔާގެ މައި އޮފީސް ކުރިމަތީގައި އިހުތިޖާޖެއް ފަށާފަ އެވެ.

މިހާރު މުޒާހަރާތައް ރޫޅާލަން ސިފައިން ހަރަކާތްތެރިނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ސޫދާންގެ އަސްކަރިއްޔާއިން މިހާރު ވަނީ އިންތިގާލީ ކައުންސިލެއް އެކުލަވާލާފަ އެވެ.

މި ކައުންސިލުގައި ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު އަހުމަދު އަވާދު އިބްނު އައުފް އިސްކޮށް ހުންނަވާއިރު މުޒާހަރާތައް ވަރުގަދަ ވަމުން އަންނާތީ މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރޭގަނޑު އާއްމުން މަގުމަތީގައި އުޅުން މަނާކޮށްފައެވެ. އަދި ސްކޫލްތަކާއި ޔުނިވަސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ސޫދާންގައި ސަރުކާރާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ފެށި މުޒާހަރާތަކުގައި މިހާތަނަށް 49 މީހުން ވަނީ މަރުވެފަ އެވެ.

ބޭރު ފައިސާގެ ބޮޑެތި މައްސަލަތަކުގެ އިތުރުން، ގައުމުގެ އިންފްލޭޝަން ރޭޓް 70 ޕަސެންޓަށް އުފުލިފައިވާ އިރު، އެ ގައުމަށް ކާބޯތަކެތި ނުލިބުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ.

43 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސޫދާންގެ ވެރިކަމަށް އުމަރު 1989 ވަނަ އަހަރު ވަޑައިގެންނެވީ ބަޣާވާތަކުންނެވެ. ނިރުބުވެރިންނަށް އެހީތެރިވާކަމުގެ ތުހުމަތާއި އެކު ސޫދާނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންކަމުން ގައުމުގެ އިޤުތިޞާދު ކުރިއަރާ ނިސްބަތް ވަރަށް ދަށެވެ.