އިންޑޮނީޝިއާ އަށް ދާދިދެންމެ އަކު އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފިއެވެ.

ރެކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި އިންޑޮނީޝިއާގެ ސުލަވެސީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވަނީ އިންޑޮނީޝިއާގެ ޖިއޯފިޒިކަލް އޭޖެންސީންނެވެ. އެ އިދާރާއިން ސުނާމީގެ އިންޒާރު ނެރެފައި ވަނީ އިންޑޮނީޝިއާގެ އިރުމަތީ އައްސޭރީގައިވާ ސަރަޙައްދުތަކަށެވެ.

އިންޑޮނީޝިއާގެ ޖިއޯފިޒިކަލް އޭޖެންސީގެ ތަރުޖަމާނު ދާދި ދެންމެއަކު ވަނީ ސުނާމީގެ އިންޒާރު ނެރެފައިވާކަން ހާމަކޮށް، ސުނާމީގެ އަސަރު ކޮށްފާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެ ގަޑިން މިއަދު ހަވީރު 16:40 ހާއިރު ސުލަވެސީއަށް ބިންހެލުން އައިސްފައި ވަނީ އެ ރަށުގެ ބިމުގެ 17 ކިލޯމީޓަރު އަޑިން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވެއެވެ. އެ ބިންހެލުމުގެ ބާރުމިން 7.0 އަށް އަރާކަމަށް އެ އިދާރާއިން ރިޕޯޓް ކުރި ނަމަވެސް، ފަހުން އެ ބާރުމިން ވަނީ 6.8 އަށް ދަށް ކޮށްފައެވެ. މި ބިންހެލުމުގައި ސުލަވެސީއަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ.

ސުލަވެސީ އާއި ދުރުނޫން ހިސާބަކަށް މިދިޔަ އަހަރުވެސް ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. ރެކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި އެ ބިންހެލުމަށްފަހު އެރި ސުނާމީގައި ޕަލޫ ސިޓީގެ 4300 މީހަކު މަރުވިއެވެ.

އިންޑޯނީޝިއާ އަކީ ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ގިނަ ޤައުމެކެވެ. މިފަދަ ހާދިސާތައް އެޤައުމުގައި ގިނަ ވެފައި ވަނީ އެޤައުމު އުފެދިފައި އޮންނަ ސަރަޙައްދުގެ ގޮތުން ކަމަށް ސައިންސްވެރިން ބުނެއެވެ. "ޕެސިފިކް ރިންގް އޮފް ފަޔަރ"ގެ ނަމުން ނަންދީފައިވާ އެ ސަރަޙައްދަކީ ކަނޑުއަޑީގެ ފަރުބަދަތަކާއި ފޯލްޓުތައް ހުންނަ ސަރަޙައްދެއް ކަން ދިރާސާތަކުން ހާމަވެއެވެ.