ސޫދާންގެ ވެރިކަމުގެ ބާރުތައް އަސްކަރިއްޔާ އިން އެކުލަވާލި އަސްކަރީ ކައުންސިލެއްގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވެރިކަން ދޫކޮށްލަން ނިންމެވިކަން ސޫދާންގެ ރައީސް އުމަރު އަލް-ބަޝީރު އިއުލާން ކުރައްވާފައި ވަނިކޮށް އަސްކަރީ ކައުންސިލުން ވަނީ ވެރިކަމުގެ ހުރިހާ ބާރެއްގެ މައްޗަށް ވެރިވެގެންފައެވެ.

އުމަރު އަލް-ބަޝީރު މަގާމުން ދުރުކުރީ އަސްކަރިއްޔާ އިން ގެނައި ބަޣާވާތެއްގައެވެ. ނަމަވެސް މަގާމުން ދުރުކުރުމުގެ ކުރިން އުމަރު އަލް-ބަޝީރު އޮތީ ރައީސްކަން ދޫކޮށްލަން އެއްބަސްވެފައެވެ.

އަސްކަރީ ކައުންސިލުން ވަނީ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ބައިވެރިވުމާއި އެކު މަދަނީ ސަރުކާރެއް ހިންގަން ފުރުސަތު ދޭނެ ކަމަށް ވައުދު ވެފައެވެ.

ސޫދާންގެ އެންމެ ބޮޑު އިދިކޮޅު ހަރަކާތުން ވަނީ އަސްކަރީ ވެރިކަމެއް ބޭނުން ނޫންކަމަށް އިއުލާންކޮށް، މަދަނީ ސަރުކާރެއް ހިންގަން ފުރުސަތު ދިނުމަށް ސިފައިންނަށް ގޮވާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސޫދާންގެ ވެރިކަމުގެ ބާރުތަކުގެ ކޮންޓްރޯލް ނަގާފައިވާ އަސްކަރީ ކައުންސިލްގެ އެންމެ އިސްވެރިޔަކަށް ހުރީ އުމަރު ޒެއިން އަލް-އާބިދީން އެވެ. އޭނާ ވެރިކަމުގެ ބާރުތައް ހިންގަމުން ގެންދަނީ ޖެނެރަލް އަވާދް އިބްން އައުފް އަންގާ ގޮތެއްގެ މަތިންނެވެ.

އަސްކަރިއްޔާ އިން ބުނެފައި ވަނީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި މަދަނީ ސަރުކާރެއް އެކުލަވާލުމަށް ފަހު އަސްކަރިއްޔާ އިން ވެރިކަމުގެ ބާރުތައް ދޫކޮށްލާނެ ކަމަށެވެ. އަސްކަރީ ކައުންސިލުން ވެރިކަމުގެ ބާރުތަކާއި ހަވާލުވެފައި ވަނީ ދެއަހަރު ދުވަހުގެ މުއްދަތަކަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ފުއްދައިދީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރަން. ވެރިކަމުގެ ބާރުތައް ބޭނުން ވެގެންނެއް އަސްކަރިއްޔާ އިން ނޫޅޭ." އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ސޫދާންގައި އިންސާނިއްޔަތާއި ހިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގައި ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓަށް އުމަރު އަލް-ބަޝީރު ހާޒިރު ކުރަން އެކޯޓުން ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް ސޫދާންގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އުމަރު އަލް-ބަޝީރުގެ ޝަރީޢަތް ކުރިއަށް ގެންދާނީ އެގައުމުގައި ކަމަށެވެ.

އުމަރު އަލް-ބަޝީރު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ބައިނަލްއަޤުވާމީ ރިޕޯޓްތައް ބުނާ ގޮތުގައި އެފްރިކާގެ ގައުމުތަކުގައި ކަން ހިނގާ ގޮތައް ބަލާއިރު ސޫދާންގެ ވެރިކަމުގެ ބާރުތައް އަސްކަރިއްޔާ އިން މާފަސޭހައިން ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ.