ދިގު 30 އަހަރުގެ ވެރިކަމެއް ދަމަހައްޓަވަމުން ގެންދެވި ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު އަސްކަރީ ބަގާބާތަކުން ވައްޓާލުމުގެ އިސްލީޑަރަކަށް ހުންނެއްވި ސޫދާންގެ އަސްކަރީޔާގެ ވެރިޔާ މަގާމުން އިސްތިއުފާ ދީފިއެވެ.

ސޫދާންގެ އަސްކަރިޔާގެ ވެރިޔާ އައްވާދު އިބުނު އައުފް މަގާމުން އިސްތިއުފާ ދިނީ ސޫދާންގެ އިދިކޮޅު ފަރާތްތަކުން އަސްކަރީ ވެރިކަމެއް ބޭނުން ނޫންކަމަށް އިއުލާންކޮށް، މަދަނީ ސަރުކާރެއް ހިންގަން ފުރުސަތު ދިނުމަށް ސިފައިންނަށް ގޮވާލާ މުޒާހަރާތަށް އަނެއްކާވެސް ފެށުމުންނެވެ.

އަސްކަރީ ބަޤާވާތަކުން ސޫދާންގެ ރައީސް މަގާމުން ދުރުކުރި ނަމަވެސް ސޫދާންގެ ރައްޔިތުން މަގުތަށް ދޫކޮށް ގެއަށް ގޮސްފައެއް ނުވެއެވެ.

އަސްކަރިއްޔާ އިން ބުނެފައި ވަނީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި މަދަނީ ސަރުކާރެއް އެކުލަވާލުމަށް ފަހު އަސްކަރިއްޔާ އިން ވެރިކަމުގެ ބާރުތައް ދޫކޮށްލާނެ ކަމަށެވެ.

ސޫދާންގެ ވެރިކަމުގެ ބާރުތަކުގެ ކޮންޓްރޯލް ނަގާފައިވާ އަސްކަރީ ކައުންސިލްގެ އެންމެ އިސްވެރިޔަކަށް ހުރީ އުމަރު ޒެއިން އަލް-އާބިދީން އެވެ. އޭނާ ވެރިކަމުގެ ބާރުތައް ހިންގަމުން ގެންދަނީ ޖެނެރަލް އަވާދް އިބްން އައުފް އަންގާ ގޮތެއްގެ މަތިންނެވެ.

ސޫދާންގައި ސަރުކާރާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ފެށި މުޒާހަރާތަކުގައި މިހާތަނަށް 49 މީހުން ވަނީ މަރުވެފަ އެވެ.

ބޭރު ފައިސާގެ ބޮޑެތި މައްސަލަތަކުގެ އިތުރުން، ގައުމުގެ އިންފްލޭޝަން ރޭޓް 70 ޕަސެންޓަށް އުފުލިފައިވާ އިރު، އެ ގައުމަށް ކާބޯތަކެތި ނުލިބުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ.

43 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސޫދާންގެ ވެރިކަމަށް އުމަރު 1989 ވަނަ އަހަރު ވަޑައިގެންނެވީ ބަޣާވާތަކުންނެވެ. ނިރުބުވެރިންނަށް އެހީތެރިވާކަމުގެ ތުހުމަތާއި އެކު ސޫދާނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންކަމުން ގައުމުގެ އިޤުތިޞާދު ކުރިއަރާ ނިސްބަތް ވަރަށް ދަށެވެ.