އިންޑޮނީޝިއާ އަށް މެދުކެނޑުމެއް ނެތި ބާރުގަދަ ލޮޅުންތައް އަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ލޮޅުންތައް އަންނަމުން ދަނީ، އިއްޔެގެ ވަގުތެއްގައި އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އައި ސުލަވެސީ ސަަޙައްދަށެވެ. ރެކްޓަރ މިންގަނޑުން 4.0 އާއި 5.0 އާއި ދެމެދުގައި މެދުކެނޑުމެއް ނެތި އޭރުން ފެށިގެން އެ ސަރަޙައްދަށް ލޮޅުންތައް އަންނަމުން ދާއިރު ފާއިތުވެދިޔަ 12 ގަޑިއިރު ތެރޭ މި ސަރަޙައްދަށް 50 އަށްވުރެ ގިނަ ލޮޅުން އައިސްފައި ވާކަމަށް ޔޫރަޕިއަން ސެއިސްމޮލޮޖިކަލް ސެންޓަރ އިން ބުނެފައި ވެއެވެ.

އިއްޔެ ސުލަވެސީއަށް ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައެވެ. އެ ބިންހެލުމާއި ގުޅިގެން އިންޑޮނީޝިއާގެ އިރުމަތީ އައްސޭރީގައިވާ ސަރަޙައްދުތަކަށް ސުނާމީގެ އިންޒާރުވެސް ނެރުނެވެ. ނަމަވެސް ފަހުން އެ އެލާޓް ވަނީ ބާތިލުކޮށްފައެވެ.

އިންޑޯނީޝިއާ އަކީ ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ގިނަ ޤައުމެކެވެ. މިފަދަ ހާދިސާތައް އެޤައުމުގައި ގިނަ ވެފައި ވަނީ އެޤައުމު އުފެދިފައި އޮންނަ ސަރަޙައްދުގެ ގޮތުން ކަމަށް ސައިންސްވެރިން ބުނެއެވެ. "ޕެސިފިކް ރިންގް އޮފް ފަޔަރ"ގެ ނަމުން ނަންދީފައިވާ އެ ސަރަޙައްދަކީ ކަނޑުއަޑީގެ ފަރުބަދަތަކާއި ފޯލްޓުތައް ހުންނަ ސަރަޙައްދެއް ކަން ދިރާސާތަކުން ހާމަވެއެވެ.

ކުދި ލޮޅުންތަކާއި ބިންހެލުންތައް ގިނަ ވުމަކީ އެ ސަރަޙައްދުގެ ބިމުގެ އަޑީގައިވާ ފޯލްޓްލައިނަކަށް ޕްރެޝަރ އިތުރުވެރ އާދަޔާއި ޚިލާފަށް ބާރުގަދަ ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާނެއް ކަމަށް ސައިންސްވެރިން ބުނެއެވެ.